Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

ހުޅުމީދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ކާފިއު އުވާލައިފި

އައްޑޫ ސިޓީ ހިތަދޫ | ފޮޓޯ: އަލީ އިބްރާހިމް

ހުޅުމީދޫ ފިޔަވައި ކޮވިޑް-19 އާއި ގުޅިގެން އައްޑޫގެ އެހެން އަވަށްތަކުގައި އިއުލާންކޮށްފައި އޮތް ކާފިއު އާއި އެހެނިހެން ފިޔަވަޅުތައް އުވާލަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ މިރޭ އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. މި ފިޔަވަޅުތައް އުވާލަން ނިންމާފައިވަނީ މިރޭ 12 އިން ފެށިގެންނެވެ.

ސޯބެ ވިދާޅުވީ ހުޅުމީދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނިންމާފައިވަނީ ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ނަތީޖާތަކަށް ވެސް ބެލުމަށްފަހު ކަމަށެވެ. އަދި ފިޔަވަޅުތައް އުވާލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސޯބެ އިލްތިމާސްކުރެއްވިއެވެ. އެގޮތުން ގެއިން ބޭރަށް ނިކުންނައިރު މާސްކު އެޅުން ފަދަ ކަންކަން ސޯބެ ފާހަގަކުރެއްވިއެވެ.

ހުޅުމީދޫގެ ފިޔަވަޅުތައް އުވާލަން ނިންމާފައި ނުވަނީ އެ ރަށުން ރެންޑަމްކޮށް ނެގި ދެ ސާމްޕަލް ޕޮޒިޓިވްވެ، އެ ދެ މީހުންނާއި ކޮންޓެކްޓުވި އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އައްޑޫ އިން މިހާތަނަށް 2754 ރެންޑަމް ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫގައި މިވަގުތު 32 އެކްޓިވް ކޭސް އުޅޭއިރު، ޕޮޒިޓިވްވި މީހުންގެ ތެރެއިން 44 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު އެކަކަށް އަންނަނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.

ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އައްޑޫ މޮނީޓަރިންގެ ހާލަތަށް ގެނައީ މި މަހުގެ ހަވަނަ ދުވަހުއެވެ.