Last Updated: July 13, 11:58
Sunday, July 13, 2025
ޚަބަރު

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 19،000 އަށް

އިތުރު 108 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްްވި މީހުންގެ ޖުމްލަ އަދަދު 19،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 76 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 19،038 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 2429 ކޭސް އެވެ. މި ބަލިން 16،542 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 167 މީހަކަށެވެ. މި ބަލީގައި 60 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އެޗްޕީއޭ އިން މިހާރު ވަނީ މާލެ ސަރަހައްދުގެ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކޮށްފައެވެ.

އެގޮތުން މާލެ ސަރަހައްދުގައި ހަވީރު 6 އިން ފެށިގެން ހެނދުނު 6 ގެ ނިޔަލަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި 10 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.