Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

މާލެ ސަރަހައްދުން ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވެއްޖެ

މާލޭގައި ކޮވިޑް ޖަހާ ސެންޓަރެއް ހުހަށް - ފޮޓޯ: ޓްވިޓާ

މާލެ ސަރަހައްދުން ކޮވިޑް-19 ގެ ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ބުނެފިއެވެ.

މިރޭ އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ވެކްސިން ޖަހާ މީހުންގެ އަދަދު މާލެ ސަރަހައްދުން މަދުކަން ރެކޯޑުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ވީހާވެސް ގިނަ ބަޔަކު ވެކްސިން ލިބިގަތުމަށް ސެންޓަރުތަކަށް ދިޔުން މުހިއްމުކަން ނާސިރު ފާހަގަކުރެއްވިއެވެ.

"ބައެއް ބޭފުޅުން ވެކްސިން ލިބިގަތުމަށް ހަފްތާ ބަންދަށް މަޑުކުރުން އެއީ އެހާ ރަނގަޅު ކަމެއް ނޫން. މިހާރުން މިހާރަށް، ކިޔޫ ވެސް އެހާ ދިގު ނޫންވީމަ އާއެކު މިގޮތަށް މަޑުނުކޮށް ވެކްސިން ޖަހަން ދިޔުމަށް ވަރަށް ބޮޑަށް އެދެން" ނާސިރު ވިދާޅުވިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން މިއަދު ވެކްސިން ޖަހާފައިވަނީ 2700 މީހުންނެވެ. އަތޮޅުތެރެއިން މިއަދު 2262 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަދި ރާއްޖެއިން މިހާތަނަށް 85،110 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

މާލެ ސަރަހައްދުގައި މާދަމާ އިން ފެށިގެން 25 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފެށުމަށް ވަނީ ނިންމާފައެވެ.