އައްޑޫ ސިޓީ ހުޅުމީދޫގައި އިތުރު ހަތް ދުވަހަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.
އައްޑޫގެ އެހެން އަވަށްތަކާއި ހިލާފަށް ހުޅުމީދޫގެ ފިޔަވަޅުތައް އުވާލަން ނިންމާފައި ނުވަނީ އެ ރަށުން ރެންޑަމްކޮށް ނެގި ދެ ސާމްޕަލް ޕޮޒިޓިވްވެ، އެ ދެ މީހުންނާއި ކޮންޓެކްޓުވި އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން އިތުރު ހަތް ދުވަހަށް ހުޅުމީދޫގައި ހާއްސަ ފިޔަވަޅުތަކަށް އަޅަން އަންގައި އެކަން އިއުލާންކުރާ ކަމަށެވެ.
އެގޮތުން ހުޅުމީދޫގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި އެއް ގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.
އަދި ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.
އައްޑޫގައި މިވަގުތު 32 އެކްޓިވް ކޭސް އުޅޭއިރު، ޕޮޒިޓިވްވި މީހުންގެ ތެރެއިން 44 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު އެކަކަށް އަންނަނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.