Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

އެމްޑީޕީ ކެންޑިޑޭޓުން ނިކުންނަނީ ދަގަނޑު ދަހަނާ އަޅައިގެން: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓުން ނިކުންނަނީ ދަގަނޑު ދަހަނާ އަޅައިގެން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން އަލުން ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ ކައުންސިލުތަކަށް ފްލެޓު އެޅުމުގެ ބާރާއި، ބިމުގެ މިލްކުވެރިކަމުގެ ބާރު ގާނޫނުން މިހާރު ލިބިދޭ ކަމަށާއި އެގޮތުން އެ ބިމުން ކައުންސިލަށް ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާ ކަމަށެވެ.

އަދި ގާނޫނުން ކައުންސިލަށް ދަރަނިވެރިވުމުގެ ހައްގުވެސް ދޭ ކަމަށާއި ކައުންސިލަށް މިހާރު ނުދޭ އެއްވެސް ބާރެއް ނެތްއިރު ދެއްކޭނެ އެއްވެސް ހުއްޖަތެއް މިހާރު ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިފަހަރު އެމްޑީޕީގެ ކެންޑިޑޭޓުން، 1500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ހަގީގަތުގައި ވެސް ނިކުންނަނީ ދަގަނޑު ދަހަނާ އަޅައިގެން. ހުރިހާ ބާރެއް ލިބިގެން. ގާނޫނުން ދޭންޖެހޭ ބާރެއް ވެއްޖެއްޔާ މިހާރު ކައުންސިލުތަކަށް ވަނީ ލިބިފައި" ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ސިޓީ ކައުންސިލުތަކުގެ މޭޔަރުންގެ ވިސްނުމުގައި ފްލެޓު އަޅާނެ ވިސްނުން ހުންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުން މާލޭގެ މޭޔަރު ކަމަށްވާ ވާދަކުރައްވާ އަނަސް އަބްދުއްސައްތާރަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ އަނަސް އަށް ލިބިފައިވާ ސިޔާސީ ފިލާވަޅަކީ ފްލެޓު އަޅާނެ ގޮތުގެ ފިލާވަޅު ކަމަށާއި އެކަން އެގޮތަށްވީ އަނަސް ބޮޑުވެފައިވަނީ "ފްލެޓް ދޮންބެ" އާއެކުގައި ކަމަށްވުމުން ކަމަށެވެ.

"އޭނަ (އަނަސް) އަޅުގަނޑަށް ޔަގީން މި މާލޭގައި ފްލެޓް އަޅާދާނެ. މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން އެމްޑީޕީގެ ކެންޑިޑޭޓުން ނިކުމެ ހޯދައިދޭނެ. އަޅުގަނޑު އެ ކެންޑިޑޭޓުންގެ ފަހަތުގައި ވެސް އެ ކައުންސިލުގެ ފަހަތުގައި ވެސް 24 ގަޑިއިރު ހުންނާނަން" ނަޝީދު ވިދާޅުވިއެވެ.