Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

އެޗްޕީއޭގެ އެންގުންތަކާ ހިލާފު އެއްވުންތަކަށް ފުރުސަތެއް ނެތް: ސަރުކާރު

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިހެން ބުނެފައިމިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި މިއަދު ހަވީރު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނީ ޤާނޫނު އަސާސީގެ 67 ވަނަ މާއްދަަގެ (ނ) ގައި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްސޫލިއްތެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށާއި އަދި މުޅި ދުނިޔެއަށް ކުރިމަތުވެފައިވާ ކޮވިޑް 19 ގެ ވަބާގެ އަސަރު ރާއްޖެއަށް ކޮށް، ދިވެހި ރައްޔިތުންގެ ތެރެއިން 60 މީހުން އެބަލީގައި ނިޔާވެގޮސް، އެތައްބަޔަކު އެބައްޔަށް ޕޮޒިޓިވްވެ، ގިނަ ޢަދަދެއްގެ މީހުން އެނދުމަތިކޮށްގެން ފަރުވާކުރުމަށް މަޖިބޫރުވެފައިވާ ކަމަށެވެ.

އަދި ގިނަ އަދަދެއްގެ މީހުން އެނދުމަތިކޮށްގެން ފަރުވާ ކުރުމަށް މަޖުބޫރުވެ، އެކަމަށްޓަކާ ހާއްސަކުރި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ ފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްޚީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކަަތެރިކަމަށް ރިއާޔަތްކުރުމެއްނެތި، ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ އެގޮތަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާކަ ކަމަށާއި އަދި ހަމައެއާއެކު ސިޔާސީ ޕާޓީތަކަށްވެސް ރައްޔިތުންގެ އާންމު ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޒިންމާދާރުވުމަށް ގޮވާލާކަމަށެވެ.