Last Updated: April 25, 06:02
Thursday, April 25, 2024
ދުނިޔެ

ހަޝޯގީ މަރާލީ ވަލީ އަހުދުގެ އަމުރަށް: އެމެރިކާ

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލީ އެގައުމުގެ ބާރުގަދަ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަމުރަށް އެމެރިކާއިން ހާމަ ކުރި އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފިއެވެ.

2018 ވަނަ އަހަރު ހަޝޯގީ މަރާލާފައިވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓުގެ ތެރޭފައެވެ. ހަޝޯގީ ސައުދީ ކޮންސިއުލޭޓަށް ގޮސްފައިވަނީ ލިޔުމެއް ހޯދުމަށެވެ. އެގޮތުން ކޮންސިއުލޭޓުގެ ތެރޭގައި ހަޝޯގީގެ ހަށިގަނޑުގެ ގުނަވަންތައް ވަނީ ކޮށާލާފައެވެ.

އެމެރިކާ ސަރުކާރުގެ ޑިރެކްޓަ އޮފް ނޭޝަނަލް އިންޓަލިޖެންސްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ވަލީއަހުދު ރަހުން ދީފައި ވަނީ ހަޝޯގީ ހައްޔަރު ކުރަން ނުވަތަ މަރާލުމަށް ކަމަށެވެ. މިއީ ހަޝޯގީގެ މަރުގައި ވަލީއަހުދު ރޯލެއް ކުޅެފައިވާކަން އެމެރިކާ އިން ހާމަކުރި ފުރަތަމަ ފަހަރެވެ.

އެ ރިޕޯޓުގައި ވަނީ ވަލީއަހުދުގެ އަމުރަށް މިކަން ކުރި ކަމަށް ބެލެވޭ ސަބަބުތަކުގެ ތެރޭގައި 2017 ވަނަ އަހަރުން ފެށިގެން ސައުދީގެ ނިންމުންތައް ނިންމުމުގައި އޭނާ އަށް އޮންނަ ބާރާއި، ހަޝޯގީ މަރާލުމުގެ އޮޕަރޭޝަނުގައި ވަލީއަހުދުގެ އެޑްވައިޒަރަކާއި އަދި އޭނާގެ ބޮޑީގާޑުންގެ ޓީމުގެ މެމްބަރުން ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

އެމެރިކާ އިން ނެރުނު މި ރިޕޯޓު ސައުދީން ވަނީ ބަލައިގަންނަން ދެކޮޅު ހަދާފައެވެ. އެގޮތުން އެގައުމުން ބުނީ އެ ރިޕޯޓަކީ ދޮގާއި އޮޅުވާލުމުން ފުރިފައިވާ ރިޕޯޓެއް ކަމަށް ސިފަކޮށްފައެވެ. މީގެކުރިން ވަލީއަހުދު ވެސް ވަނީ ހަޝޯގީގެ މަރުގައި އޭނާގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ވަލީއަހުދު މުހައްމަދަކީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަރިކަލުންނެވެ. އެގޮތުން ސައުދީގެ ރަސްކަމާއި އެންމެ ގާތުގައި ވެސް މިހާރު ހުންނެވީ ވަލީއަހުދު މުހައްމަދެވެ.