Last Updated: April 20, 08:59
Saturday, April 20, 2024
ރިޕޯޓް

ފްލައިން ސްކޫލް ދަރިވަރުންގެ އަބުރު ކަތިލަނީ، ސަރުކާރު ހިމޭނުން!

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރުންނަށް އަހަރުތަކެއް ވަންދެން އެތައް އިހުމާލަކާއި، ނަފްސާނީ ގޮތުން ވެސް އެތައް އަނިޔާތަކެއް ދިނުމަށްފަހު އެންމެފަހުން މިވަނީ ރޭވިގެން ދަރިވަރުންގެ އަގު ވައްޓާލުމުގެ އާ ސިލްސިލާއެއް ފަށާފައެވެ. އެގޮތުން ދަރިވަރުންގެ ބޮލުގައި ނުހައްގު އެތައް އިލްޒާމުތަކެއް އަޅުވައި ބައެއް ދަރިވަރުން ގާތިލުންނަށް ވެސް ހަދަން މިވަނީ ފަށާފައެވެ.

ފްލައިން ސްކޫލުގެ ބާރުގަދަކަން އިތުރަށް ދައްކަން ފެށުމުގައި ސަރުކާރުގެ އިހުމާލެއް ނެތެކޭ ވެސް ދެންނެވޭކަށް ނެތެވެ. މިއީ އެ ސްކޫލުގެ އިހުމާލުގެ ވާހަކަ ދައްކައި އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް އައިތާ ހަތަރު މަސް ވެގެންދިޔައިރު ވެސް ފިޔަވަޅެއް ނާޅައި އެމީހުން ހިތު ހުރިހާ ގޮތެއް ހަދަން ދޫކޮށްލައިގެން ތިބުމުގެ ހިތި ނަތީޖާއެވެ. އެގޮތުން ދަރިވަރުންނަށް ސްކޫލުގެ އިސްވެރިން ފުރައްސާރަ ކުރި މައްސަލަ ޓްރާންސްޕޯޓު މިނިސްޓްރީން ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅިތާ ވެސް މަހަކަށް ވުރެ ގިނަ ދުވަސްވީއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މައްސަލަ އޮތީ އަތް ނުލައި މިނިސްޓްރީގެ މޭޒުމަތީގައެވެ. ދަރިވަރުންގެ ހައްގާއި ގުޅިފައިވާ މި މައްސަލަ ނުބެލި ލަސްވުމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

ފްލައިން ސްކޫލުގެ އިސްވެރިންނަށް އަބަދުވެސް ގޯސްވަނީ ދަރިވަރުންނެވެ. އެގޮތުން ފްލައިން ސްކޫލްގެ މޫނުމަތި ރީތިކުރަން ގެނެސްފައިވާ ޖެނެރަލް މެނޭޖަރު ވެސް ދާދިފަހުން ވަނީ ގިނަ ދަރިވަރުންގެ ޕާފޯމެންސް ދަށް ކަމަށް ބުނެ ވާހަކަތަކެއް ދައްކާފައެވެ. ފްލައިން ސްކޫލްގެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ރިޕޯޓުގައި ވެސް ދަރިވަރުންނަށް ސްކޫލުން އިހުމާލުވެފައިވާތީ ބަދަލު ހޯދަން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ. ކޮމިޓީ މެމްބަރުން އެ ރިޕޯޓު އެކުލަވާލީ ގިނަ ދިރާސާތަކެއް ހެދުމަށްފަހުއެވެ. އެހެންކަމުން ޖެނެރަލް މެނޭޖަރު ދައްކާ ވާހަކަތަކުގައި އަސާސެއް ނެތްކަން ހާމަވެއެވެ. ހަގީގަތުގައި ވެސް ޖެނެރަލް މެނޭޖަރަށް ސްކޫލްގެ ހާލަތު އިނގޭ ކަމާމެދު ވެސް ސުވާލު އުފެދެއެވެ.

ހަގީގަތަކީ ދަރިވަރުންގެ ޕާފޯމެންސްގެ ވާހަކައަކީ ފްލައިން ސްކޫލުގައި ހުރި މައްސަލަތައް އޮއްބާލުމުގެ ނިޔަތުގައި ދައްކާ "ހޮޅި" ވާހަކައެކެވެ. ފްލައިން ސްކޫލުގައި ހަތަރު ފަސް އަހަރު ވީއިރު ވެސް ކޯސް ނުނިމި ދަރިވަރުން ތިބީ ޕާފޯމެންސް ދަށްވެގެންތޯއެވެ؟ ކަމެއް ރަނގަޅު ކުރެވޭނީ ވެސް ގޯހެއް ހެދިފައިވާކަން ގަބޫލުކުރާ ބަޔަކަށެވެ. ފްލައިން ސްކޫލު ހިންގާ އޭއޭއޭ އަކީ ކުށް ގަބޫލުކުރަން ނުދަންނަ ޖާހިލު ބައެކެވެ. ފިޔަވަޅެއް ނޭޅި ހިތު ހުރިހާ ގޮތެއް ހަދަން ދޫކޮށް އަދި އެވަރުން ނުވެގެން ކޮންޓްރެކްޓްގެ މުއްދަތު ވެސް އިތުރުކުރަން ސަރުކާރުން އުޅުމުން ވެސް ވާނީ އެހެންތާއެވެ.

ފްލައިން ސްކޫލުން ދިވެހި ދަރިވަރުންގެ އަބުރު ކަތިލުމުގެ ސިލްސިލާއެއް ފަށާފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިން އަދިވެސް ނިންމައިގެން ތިތިއްބެވީ ފިނި ކޮޓަރީގައި ތިއްބަވަންތޯއެވެ؟ ނޫނީ ސަރުކާރަށް ވުރެ ވެސް ފްލައިން ސްކޫލުގެ ބާރު އިންތިހާ އަށް ގަދަވެގެން އުޅެނީތޯއެވެ؟ މިއީ ދަރިވަރުން މިއަދު ކުރާ ސުވާލުތަކެވެ. މި ސުވާލުތަކަށް ޖަވާބު ހޯދަން ދަރިވަރުން ޓަކި ނުޖަހާ ސަރުކާރުގެ އިދާރާއެއް ނެތެވެ. ހަތަރުމަސް ވެ ފަސް ވަނަ މަހަކަށް އެޅޭއިރު އިދާރާތަކުން ދިނީ ބީރު ކަންފަތެކެވެ. ސަރުކާރު ގަދަ ނިދިން ހޭލާނެ ދުވަހެއްގެ އިންތިޒާރުގައި ނުތިބެ ދަރިވަރުންނާއި ބެލެނިވެރިން އެހެން މަގެއް އިހުތިޔާރު ކުރަންވީ ވަގުތު އައިސް ޖެހިއްޖެވެ.