Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މަލީހުގެ ވާހަކަތައް ވަރަށް ވެސް ފުރިހަމަ: ޖަމީލު

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވީ ވަރަށް ވެސް ފުރިހަމަ ވާހަކަތަކެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

މަލީހްގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ. އަދި މަލީހުގެ އިތުބާރު އޮތްކަމަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރުން ތިއްބެވި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބު ދެއްވަމުން މަލީހް ވިދާޅުވެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރާ ހީލަތުން ދައުލަތެއްގެ ވަޒީރެއްގެ ނަން ކިލަންބުކުރުމަށް ކުރިއަށްގެންދާ ޒާތީ މައްސަލައެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ވެސް މަލީހު ވަނީ ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ.

މަލީހުގެ ވާހަކަތަކާ ގުޅިގެން ޖަމީލު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ ދެއްކެވީ ވަރަށް ވެސް ފުރިހަމަ ވާހަކަތަކެއް ކަމަށާއި އެއީ ހަގީގަތް ކަމަށް ވިދާޅުވެފައެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވަޒީރަކާއި ދެކޮޅަށް އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓުނަގާ މަގާމުން ދުރުކުރި ފުރަތަމަ ފަހަރެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 14 މެމްބަރުންގެ ސޮޔާއި އެކުއެވެ.

މަލީހު ވަކިކުރުމަށްފަހު އެ ވުޒާރާ ވަގުތީ ގޮތުން ހިންގެވުން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ހަވާލުކުރައްވާފައެވެ.