Last Updated: July 15, 00:26
Monday, July 14, 2025
ދުނިޔެ

ފްރާންސްގެ ކުރީގެ ރައީސްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެއްޖެ!

ފްރާންސްގެ ކުރީގެ ރައީސް ނިކޮލާ ސަކޯޒީއަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ޕެރިސްގެ ކޯޓަކުން ސަކޯޒީގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވަނި އޭނާގެ މައްޗަށް ތުހުމަތު ކުރި ކޮރަޕްޝަންގެ މައްސަލަ އާއި ނުފޫޒު ފޯރުވުމުގެ މައްސަލަ ސާބިތުވުމާއި ގުޅިގެންނެވެ.

އެގޮތުން ސަކޯޒީގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާގެ ކެމްޕެއިނަށް ބޭނުންވާ މައުލޫމާތު ތަކެއް ހޯދުމަށް އޭނާގެ ވަކީލު މެދުވެރިކޮށް މެޖިސްޓްރޭޓަކަށް ރިޝްވަތުދިން މައްސަލައިގައެވެ. މިކަމުގައި ސަކޯޒީގެ އިތުރުން އޭނާގެ ވަކީލާއި މެޖިސްޓްރޭޓްވެސް ކުށްވެރިވާކަމަށް ވަނީ ހުކުމްކޮށްފައެވެ.

ސަކޯޒީގެ މައްޗަށް އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ދެ އަހަރުގެ ޖަލުހުކުމް ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އަނެއް އެއް އަހަރުވެސް ޖަލުގެ ބަދަލުގައި ޓެގް އަޅުވައިގެން ގޭބަންދުގައި ހުރެވޭނެ ކަމަށެވެ.

2007 ވަނަ އަހަރުން 2012 ވަނަ އަހަރަށް ފްރާންސްގެ ރައީސްކަން ކޮށްފައިވާ ސަކޯޒީ އަކީ ޖަލު ހުކުމެއް އިއްވި ފްރާންސްގެ ފުރަތަމަ ރައީސްއެވެ.