Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

އަލީ ވަހީދަށް ކުރަނީ ސިޔާސީ ދައުވާތަކެއް: މެމްބަރު ޒަރީރު

މެންބަރު ހަސަން ޒަރީރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު މިފަދައިން ވިދާޅުވެފައިވަނީ އަލީ ވަހީދު ފުރައިގެންދިޔަ މައްސަލަ ބަލަމުން އަންނަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޒަރީރު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ފެންނަނީ ސިޔާސީ ކުލަ ޖެހިފައިވާ މަންޒަރުކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ދައުވާއުފުލާފައިވަނީ ފްރޭމް ކޮށްގެންކަމަށް ބެލުމުގެ ފުރުސަތު އެބައޮތްކަން ފާހަގަކޮށް ޒަރީރު ވިދާޅުވީ ފްރޭމް ކޮށްގެން އެފަދަ ދައުވާތަކެއް ކޮށްފި ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މައްސަލައިގައި ކޮމިޓީން ގޮތެއް ނިންމާއިރު އެކަންކަމަށް ވެސް ރަނގަޅަށް ބަލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.