Last Updated: April 23, 16:32
Tuesday, April 23, 2024
ޚަބަރު

ބީއެމްއެލްގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިރެކްޓަރަކަށް ސަމާހު

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިރެކްޓަރަކަށް އެކުންފުނީގެ ސެކްރެޓަރީގެ މަގާމު އަދާކުރަމުން އަންނަ އަލްއުސްތާޛާ އާއިޝަތު ސަމާހު ހަމަޖައްސައިފިއެވެ.

ސަމާހު ވަނީ ބޭންކުގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައެވެ. މީގެ އިތުރުން 2009 ވަނަ އަހަރުން ފެށިގެން ސަމާހު އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވަމުންނެވެ.

ބޭންކިންގ އަދި ގާނޫނީ ދާއިރާއިން އޭނާ ހާސިލްކުރައްވާފައިވާ ތައުލީމާއި ހޯއްދަވާފައިވާ ތަޖުރިބާއާ އެކު ސަމާހުވަނީ ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތައް ހިފެހެއްޓެވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ ގޮތުގައި ސަމާހު ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން. ސަމާހު ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ދިވެހި ބޭފުޅަކު އައު މަގާމަކާއެކު ބޭންކުގެ ލީޑަރޝިޕް ޓީމަށް އައްޔަންކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމެއް. ސަމާހު އަށް އިތުރު ކާމިޔާބީއަށް އެދެން."

ބޭންކުގެ އޮނިގަނޑަށް ގެނެވުނު އިތުރު ބަދަލުތައްވެސް މިއަދު ވަނީ ހާމަކޮށްފައެެވެ. ބޭންކުގެ ޑިޖިޓަލައިޒޭޝަން ސްޓެރެޓެޖީއާ އެއް ގޮތަށް މަސައްކަތް ބައްޓަންކުރުމުގެ ގޮތުން ކާޑްސް އެންޑް ޑިޖިޓަލް ބޭންކިންގ ވަނީ އަލަށް އެކުލަވާލެވުނު ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ ޑިވިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.

މީގެ އިތުުރުން މަރިޔަމް ޙަމީދު ވަނީ ބޭންކުގެ ޗީފް ކޮމްޕްލަޔަންސް އޮފިސަރގެ މަގާމަށް އައްޔަންކޮށްފައެވެ. މިއާއެކު ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މަރިޔަމް ހުންނެވީ ހެޑް އޮފް ސެންޓްރަލައިޒްޑް ސަރވިސަސްގެ މަގާމުގައެވެ

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުނިވެސްމެއެވެ. ބޭންކުގެ %99 މުވައްޒަފުންނަކީ ފަހްރުވެރިމަކާއެކު ވަޒީފާ އަދާކުރަމުންދާ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.