Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ބޯހިޔާވަހިކަމަކީ ވަކިތަނެއްގައި މަސައްކަތްކުރާތީ ލިބެންޖެހޭ އެއްޗެއްނޫން: އީވާ

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

ބޯހިޔާވަހިކަމަކީ ވަކިތަނެއްގައި މަސައްކަތްކުރާތީ ލިބެންޖެހޭ އެއްޗެއް ނޫންކަމަށާއި އެއީ ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ އެއްޗެއްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ މުވައްފަޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާ ފްލެޓްގެ މައްސަަލައާއި ގުޅިގެން މަޖިލީހުން ބެލި މައްސަލައާއި ގުޅޭގޮތުން ކޮމިޓީން އެކުލަވާލި ރިޕޯޓަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ވަކި ތަނެއްގައި މަސައްކަތްކުރާތީ ބޯހިޔާވަހިކަން ލިބެން ނުޖެހޭކަމަށާއި، ސްޓާފް ހައުސިން ޕްރޮޖެކްޓަކީ އެންމެ ކުރިން ފެށިގެން ވެސް އެމްޑީޕީގެ މެމްބަރު ދެބަސްވާ ކަމެއްކަމަށެވެ.

މާލެ އަކީ ބިމުގެ ދަތިކަން އިންތިހާއަށް އޮތް، އަދި އެތައް ހާސް ބަޔަކު ބޯހިޔާވަހިކަމާ ގޯއްޗަށް ބޭނުންވެފައި އޮތް ތަނެއްކަން ފާހަގަކޮށް އީވާ ވިދާޅުވީ ވަކިވަކި ކުންފުނިތަކުން ނިޒާމުތަކާއި އުސޫލުތައް ކަނޑައަޅައިގެން ވަކި ބަޔަކަށް ފްލެޓު ދިނުމުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭކަމަށެވެ.

"ބޯހިޔާވަހިކަން ލިބެންޖެހޭނީ ޖުމްލަގޮތެއްގައި ރަށު ތެރެއަށް ބަލައިގެން އެކަމަށް އެންމެ ބޭނުންޖެހިފަވާ މީހުންނަށް. އެއްވެސް ހާލެއްގައި ވަކި ތަނެއްގައި މަސައްކަތް ކުރާތީ ލިބިގެނެެއް ނުވާނެ." އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ހިޔާވަހިކަމަށް ބޭނުންވާ މީހުން ދާންޖެހޭނީ މައިގަނޑު އެއް ޕްރޮގްރާމުގެ ދަށުން ކަމަށާއި، މާލޭގައި ބޯހިޔާވަހިކަން ލިބެންޖެހޭ މީހުން އެންމެ ރަނގަޅަށް އެނގެން ޖެހޭނީ މާލޭ ސިޓީ ކައުންސިލަށް ކަމަށެވެ.