Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކަށް އައްޑޫން ބިން ދޫކުރަނީ

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކަށް ކުއްޔަށް ބިން ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އައްޑޫގެ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގެ ޓޫރިޒަމް ޒޯންތަކުގައި ޓޫރިޒަމާ ގުޅުންހުރި އެކިއެކި ވިޔަފާރިތައް ހިންގުމަށް އެ ސަރަހައްދުތަކުން ކުލީބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ. ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެގޮތުން ހިތަދޫ ޓޫރިޒަމް ޒޯނުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000-4000 އަކަފޫޓުގެ ދެ ބިމެވެ. އެ ދެ ބިމުގައި ކުރެވޭނެ ވިޔަފާރިތަކަކީ ރެސްޓޯރެންޓް އަދި އެންޓަރޓެއިންމެންޓް ސެންޓަރުގެ އިތުރުން ސްޕާގެ ހިދުމަތެވެ.

މަރަދޫ ޓޫރިޒަމް ޒޯނުން 2000-3000 އަކަފޫޓުގެ ހަތަރު ބިންް ދޫކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެ ބިންތަކުގައި ކުރެވޭނެ ވިޔަފާރިތަކަކީ ވޯޓަރ ސްޕޯޓްސް އެންޑް ޑައިވިން އާއި ރެސްޓޯރެންޓް އަދި ސްޕާގެ ހިދުމަތެވެ. ފެދޫ ޓޫރިޒަމް ޒޯނުން 2000، 1500 އަދި 8000 އަކަފޫޓުގެ ހަ ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. އެ ބިންތަކުގައި ލޯންޑްރީ، ރެންޓަލް ސާވިސް، ސްޕާ، ރެސްޓޯރެންޓް އަދި އެންޓަރޓެއިންމެންޓް ސެންޓަރު، ވޯޓާ ސްޕޯޓްސް އަދި ސުވެނިއަރ ޝޮޕްގެ ވިޔަފާރި ހިންގޭނެއެވެ.

ހުޅުދޫ ޓޫރިޒަމް ޒޯނުން 5000، 2500 އަދި 4000 އަކަފޫޓުގެ ހަ ބިން ދޫކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ ބިންތަކުގައި ރެސްޓޯރެންޓް އަދި އެންޓަރޓެއިންމެންޓް ސެންޓަރުގެ ވިޔަފާރި އާއި ޝޮޕް، ރެންޓަލްސް، ވިޒިޓަރސް ސެންޓަރ އަދި ސުވެނިއަރ ޝޮޕް، ސްޕާ އަދި ވޯޓާ ސްޕޯޓްސްގެ ވިޔަފާރި ކުރެވޭނެއެވެ.

އަދި މީދޫ ޓޫރިޒަމް ޒޯނުން 4000، 2000 އަދި 1500 އަކަފޫޓުގެ ފަސް ބިން ދޫކުރާނެއެވެ. އެ ބިންތަކުގައި ކުރެވޭނެ ވިޔަފާރިތަކަކީ ޝޮޕް، ލޯންޑްރީ، ރެންޓަލްސް، ރެސްޓޯރެންޓް އަދި ސްޕާގެ ހިދުމަތެވެ.

ކައުންސިލުން ބުނީ މި ބިންތަކުގެ ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާހަމަޔަށް ކައުންސިލް އިދާރާ އިން ކަމަށެވެ. ބިޑް ޑޮކިއުމަންޓް ވިއްކާ އަގަކީ 1000 ރުފިޔާއެވެ.

މިކަމާ ގުޅޭ ޕްރީ ބިޑް މީޓިންގ މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕްރޮޕޯސަލް ހުށަހެޅުން ހުޅުވާލާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.