Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ސިޔާސީ

އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

ޒަހާ ވަހީދު - ފޮޓޯ: މަޖިލިސް

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި އެކަމަނާއަށް މަޖިލީހުން ނޯޓިސް ފޮނުވައިފިއެވެ.

މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުންނެވެ. މި މައްސަލަ ވައްދާފައިވަނީ 10 މެމްބަރުންގެ ސޮޔާއި އެކުއެވެ.

މަޖިލިސް އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، މިއަދު އެކަމަނާއަށް ފޮނުވިފައިވާ ކަމަށެވެ.

އިދިކޮޅުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭކަމަށެވެ.

މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ، މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދައި، ދިވެހި އިޤްތިސާދުގެ ރޫފަހެޔޮ ނުކުރެވި، މަސްވެރިކަމުގެ ސިނާއަތުން ނުރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައިނުދެވޭކަމަށް އިދިކޮޅުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައިވެއެވެ.

އަދި މަސްވެރިކަމާގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުމުގެ ޒިންމާ މިނިސްޓަރު ޒަހާ އަދާ ނުކުރެވޭތީ އެކަމަށް އެމަޤާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނޭކަމެއްކަމަށްވެސް މައްސަލައިގައިވެއެވެ.

މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައިވަނީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެެވެ.