ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި އޭސީ މިލާން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަށް ވަނީ އެޓީމަށް ލީޑު ނަގައިދޭން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 50 ވަނަ މިނެޓްގައި އުމުރުން 18 އަހަރުގެ ޑިއާލޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. ޑިއާލޯގެ ގޯލާއެކު ޔުނައިޓެޑް މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ސައިމަން ކިޔޭ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން މިލާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް އިން ވަނީ އޮލިމްޕިއާކޯސްގެ މައްޗަށް 3-1 އިން ކުރި ހޯދާފައެވެ. އަދި ޓޮޓެންހަމް އިން 2-0 އިން ޑައިނަމޯ ޒަގްރެބްގެ މައްޗަށް ކުރި ހޯދިއިރު، ރޯމާ އިން ވަނީ 3-0 އިން ޝަހްތަރު ޑޮނެޓްސްކްގެ މައްޗަށް ކުރި ހޯދާފައެވެ.
ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.