ފުލަމްގެ މައްޗަށް 3-0 އިން ކުރި ހޯދާ އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީން 17 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 71 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 54 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު، ސިޓީން ވަނީ ޔުނައިޓެޑަށް ވުރެ އިތުރަށް ދެ މެޗު ކުޅެފައެވެ. ތިންވަނައިގައި 53 ޕޮއިންޓާ އެކު އޮތީ ލެސްޓަ ސިޓީއެވެ.
ފުލަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޖޯން ސްޓޯންސް ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 56 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
ސިޓީގެ ތިންވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯ އެވެ. މިއީ މިއަހަރުގެ ޖެނުއަރީ އަށްފަހު އަގުއެރޯ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
ލީގުގެ އެއްވަނައިގައި 17 ޕޮއިންޓުގެ ލީޑެއް ސިޓީން ނެގިއިރު، ލީގުގައި އެޓީމު ދެން ނިކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި ބާންލީ އަތުން 2-1 އިން އެވަޓަން ބަލިވިއިރު، ވެސްޓްބްރޮމްގެ މައްޗަށް 1-0 އިން ކްރިސްޓަލް ޕެލެސް އިން ވަނީ ކުރި ހޯދާފައެވެ.