Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު ސިޔާސީ

ގައިޑްލައިންގެ ސަބަބުން ކެފޭތަކަށް ލިބޭ ގެއްލުންތަކާ ގުޅިގެން ކުއްލި މައްސަލައެއް

މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކުގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅާފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.

ސައީދުގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި، މާލެ ސަރަހައްދާއި ވަކިން ހާއްސަކޮށް މާލޭގެ ވިޔަފާރިކުރާ އެތައް ފަރާތެއްގެ ގޮތްހުސްވެ ކެފޭ ރެސްޓޯރެންޓާއި ކުދި ވިޔަފާރިތަކުގެ އިތުރުން، ޓެކްސީ، ޕިކަލް އަދި އެއްގަމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުގެ ވިޔަފާރިތައް ހީނަރުވެ ނެތުމުންދާކަމަށެވެ.

އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލަ ހުށަހަޅާކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިތަކުގެ ސަބަބުން ކެފޭ ރެސްޓޯރެންޓްތަކަށް ލިބުނު އަދި ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އެ ފަރާތްތަކުން ވަނީ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އަދި މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އަންނަނީ އެކަން ބަލަމުންނެވެ.