Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު ސިޔާސީ

ކޮވިޑް ވެފައިވަނީ މިސަރުކާރަށް ބޮޑު އީދަކަށް: ޝިޔާމް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ކޮވިޑް-19 މި ސަރުކާރަށް ވެފައިވަނީ ބޮޑު އީދަކަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ކެފޭ ރެސްޓޯރެންޓްތަކަށް ލިބެމުންއަންނަ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުޥި ކޮވިޑް ވެފައިވަނީ ދިވެހި ރައްޔިތުންނަށް ބަލިމަޑު ކަމަކަށް ކަމަށާއި، އެހެންނަމަވެސް ސަރުކާރަށް ކޮވިޑް ވެފައިވަނީ ބޮޑު އީދަކަށް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ހިލޭ އެހީގެ ގޮތުގައާއި ލޯނުގެ ގޮތުގަިއ އެތައް ފައިސާއެއް މިސަރުކާރުން ކޮވިޑްގައި ހޯދާފައިވާކަމަށާއި، އެހެންނަމަވެސް އެކަމުން ވިޔަފާރިތަކަށް އަދި ރައްޔިތުންނަށް ވީ މޮޅެއް ނެތްކަމަށެވެ.

"އެކަމަކު ވިޔަފާރިތައް ފުނޑެނީ، ދިވެހި އާއިލާތައް މަގުމަތިވަނީ، ދިވެހި ޒުވާނުން މަގުމަތީގަ ނިދަނީ، ދިވެހި ޒުވާނުން ގޮނޑުހޮވައިގެން ކާވަރުކޮށްފި މިމީހުން. މިހާ ފައިސާ ލިބުނު އިރު ކޮބައިހޭ އެ ފައިސާ މިއަހަނީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިންކަމް ސަޕޯޓް އެލަވެންސާއި ވިޔަފާރިތަކަށްވާ އެހީގެ ގޮތުގައި އަދަދުތަކެއް ފިނޭންސް މިނިސްޓްރީން ހާމަކުރާ ކަމަށާއި، އެހެންނަމަވެސް އެކަންކަމުގެ ތަފްސީލު ނޭނގޭކަމަށެވެ. އަދި އެތަކެތީގެ ތަފްސީލު ހޯދުމަށް ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ.