Last Updated: March 29, 02:52
Friday, March 29, 2024
ސިޔާސީ

ޖޫރިމަނާ ކުރިއިރު އިދިކޮޅާ އެމްޑީޕީއާ ދެމެދު ބޮޑު ފަރަގެއް!

އިދިކޮޅު އެއްވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވުމުން ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރިއިރު އިދިކޮޅާއި ސަރުކާރު ޕާޓީ ޖޫރިމަނާ ކުރިއަދަދުގައި ބޮޑު ފަރަގެއް ހުރުމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް 25،000ރ. ގެ ޖޫރިމަނާއެއް، އުސޫލުތަކާ ޚިލާފުވެ އެއްވުން ބޭއްވުމުން ކުރިއިރު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް އުސޫލުތަކާ ޚިލާފަށް ހަރަކާތްތައް ބޭއްވުމުން އައީ 5،000ރ. ގެ ޖޫރިމަނާއެކެވެ.

އިދިކޮޅުން އަންނަނީ އެޗްޕީއޭގެ އިންޒާރުތަކަށް ނުބަލައި ކޮންމެ ހުކުރު ދުވަހަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ. ކޮންމެ ފަހަރަކު މުޒާހަރާގެ އިސްވެރިން ހައްޔަރުކުރި ނަމަވެސް ދުވަސްކޮޅަކުން ދޫކޮށްލައެވެ. ޕީޕީއެމުން ބުނީ ހައްޔަރުކުރިޔަސް މިސަރުކާރާ ދެކޮޅަށް ފާޑުކިޔަން އަޑުއުފުލަމުން ދާނެ ކަމަށެވެ.

އެމްޑީޕީ އަށް ވެސް މިފަހަރު ޖޫރިމަނާއެއް އައިސްފައިވާއިރު ފުލުހުން ބުނެފައިވަނީ، އެޕާޓީ ޖޫރިމަނާ ކުރީ އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް ސިޔާސީ ހަރަކާތްތައް ބޭއްވުމުން ކަމަށެވެ. ނަމަވެސް އެއީ ކޮން ހަރަކާތެއް ކަމެއް ފުލުހުން ވެސް އެމްޑީޕީން ވެސް ބުނެފައެއް ނުވެއެވެ.

ކައުންސިލް އިންތިޚާބަށް ކެމްޕޭނު ކުރުމަށް މާލެއިން ރަށް ރަށަށް ދާއިރު ކަރަންޓީނު ނުވެ ދެވޭނެ ގޮތަށް އެޗްޕީއޭ އިން އުސޫލު ބަދަލު ކުރުމުން އާންމުންނާއި ސިއްހީ ދާއިރާގެ ބޭފުޅުންގެ ނުރުހުން ބޮޑުވުމުން ފަހުން ވަނީ އެ އުސޫލު އުވާލާފައެވެ.