އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ކުޅުން ބުދަ ދުވަހު އަލުން ފެށުމަށް ނިންމައިފިއެވެ.
އެ މުބާރާތުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލީ ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް އައްޑޫ އިން ފެނުމާ ގުޅިގެން އެޗްޕީއޭ އިން އައްޑޫ މޮނީޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެންނެވެ. ނަމަވެސް މޮނީޓަރިންގެ ހާލަތު މިހާރު ވަނީ އުވާލާފައެވެ.
މި މުބާރާތުގައި ބާކީ ދެން އޮތީ އެއް ސެމީފައިނަލް މެޗާއި ފައިނަލް މެޗެވެ. އެގޮތުން މުބާރާތުގެ ފައިނަލަށް މިވަގުތު ދަތުރުކޮށްފައިވަނީ މެދުވަލު އެފްސީ އެވެ.
މި މުބާރާތުގެ ދެވަނަ ސެމީގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ފޭދޫ ސްޕޯޓްސް އާއި ފާހި ސްޕޯޓްސް އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.