ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ރެއާލް މެޑްރިޑް އާއި މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.
ސިޓީ މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ބޮރޫޝިއާ މޮންގްލަޑްބެކްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ވެސް 2-0 އިން ކާމިޔާބުކުރީ ސިޓީންނެވެ.
ރޭގެ މެޗުގައި ސިޓީން ކާމިޔާބުކުރި ދެ ގޯލު ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފްގައެވެ. އެގޮތުން މި ދެ ގޯލު ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރައިނާ އާއި އިލްކާއި ގުންޑޮގާންއެވެ. މެޗުގެ ދެވަނަ ހާފްގައި ވެސް ސިޓީ އަށް ވަނީ ލީޑު އިތުރަށް ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.
ރެއާލް މެޑްރިޑް ކުއާޓާ އަށް ދަތުރުކުރީ ރޭ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އިޓަލީގެ އެޓަލާންޓާގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ރެއާލް އިންނެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމުގެ ތިން ގޯލު ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އާއި ސާޖިއޯ ރާމޯސްގެ އިތުރުން މާކޯ އެސެންސިއޯ އެވެ. އެޓަލާންޓާގެ ހަމައެކަނި ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މުރިއެލްއެވެ.
މުބާރާތުގެ ކުއާޓާގައި ސިޓީ އަދި ރެއާލް މެޑްރިޑް ބައްދަލުކުރާނެ ޓީމެއް އިނގޭނީ މި މަހުގެ 19 ވަނަ ދުވަހު ނަގާ ގުރުއަތުލުމުންނެވެ.