Last Updated: July 10, 06:03
Thursday, July 10, 2025
ކުޅިވަރު

ޗެލްސީ އާއި ބަޔާން ކުއާޓާ އަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ޗެލްސީ އާއި ބަޔާން މިއުނިކު ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ބަޔާން މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ލާޒިޔޯގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ވެސް 4-1 އިން ކާމިޔާބުކުރީ ބަޔާން އިންނެވެ.

ރޭގެ މެޗުގައި ބަޔާން އިން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އާއި ޗުޕޮ މޯޓިން އެވެ. ލާޒިޔޯގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޕަރޯލޯއެވެ.

ޗެލްސީ ކުއާޓާ އަށް ދަތުރުކުރީ ރޭ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ޗެލްސީންނެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހާކިމް ޒިޔެކް އާއި އެމަސަން އެވެ. މި މެޗުގެ 81 ވަނަ މިނެޓްގައި އެތްލެޓިކޯގެ ޑިފެންޑަރު ސަވިޗް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. ސަވިޗް އަށް ރަތްކާޑު ދެއްކީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް ހަމަލާދިނުމާ ގުޅިގެންނެވެ.

ޗެލްސީ އާއި ބަޔާންގެ އިތުރުން ދެން މުބާރާތުގެ ކުއާޓާ އަށް ދަތުރުކޮށްފައިވަނީ ރެއާލް މެޑްރިޑާއި، ޕީއެސްޖީ އާއި މެންޗެސްޓަރ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމަންޑާއި ލިވަޕޫލްގެ އިތުރުން ޕޯޓޯ އެވެ.

ކުއާޓާފައިނަލްގައި ޓީމުތައް ބައްދަލުކުރާނެ ގޮތް އިނގޭނީ މާދަމާ ނަގާ ގުރުއަތުލުމުންނެވެ.