Last Updated: July 5, 20:34
Saturday, July 5, 2025
ކުޅިވަރު

ޔުނައިޓެޑާއި އާސެނަލް ކުއާޓާ އަށް، ޓޮޓެންހަމް ކަޓައިފި

ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ދަތުރުކުރިއިރު، މުބާރާތުން ޓޮޓެންހަމް ކަޓައިފިއެވެ.

ޔުނައިޓެޑް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ އޭސީ މިލާންގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިލާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޔުނައިޓެޑަށް މެޗުގެ 48 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ޕޯލް ޕޮގްބާ އެވެ. މި ގޯލަށްފަހު މިލާނުން ވެސް ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއިރު، އެ ހަމަލާތައް ދިފާއުކުރުމުގައި ޔުނައިޓެޑްގެ ކީޕަރު ހެންޑަސަންގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުން ރޭ 1-0 އިން ބަލިވި ނަމަވެސް މުބާރާތުގެ ކުއާޓާ އަށް އާސެނަލް ދަތުރުކުރީ ފުރަތަމަ ލެގުން ހޯދި މޮޅާއެކު 3-2 ގެ އެގްރިގޭޓް ނަތީޖާއިންނެވެ. އެގޮތުން މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު އާސެނަލް އިން ކާމިޔާބުކުރީ 3-1 އިންނެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އޮލިމްޕިއާކޯސް އަށް މެޗުގެ 51 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެލް އަރާބީއެވެ.

ޓޮޓެންހަމް މުބާރާތުން ކެޓީ ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް އާއި ބައްދަލުކޮށް 3-0 އިން ބަލިވުމާ ގުޅިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކުރީ ޓޮޓެންހަމް އިން ކަމަށްވާއިރު، ޑައިނަމޯ ކުއާޓާ އަށް ދަތުރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާ އިންނެވެ.

ޑައިނަމޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމުގެ ތިން ގޯލު ވެސް ކާމިޔާބުކޮށްދީ މިސްލާވް އޮރްސިޗް ވަނީ ހެޓްރިކެއް ހަދާފައެވެ.

ޔުނައިޓެޑާއި އާސެނަލް އަދި ޑައިނަމޯގެ އިތުރުން ދެން ޔޫރޮޕާ ލީގުގެ ކުއާޓާ އަށް ދަތުރުކޮށްފައިވަނީ ރޯމާ އާއި ވިޔަރެއާލް އާއި އަޔެކްސް އާއި ސްލާވިއާ ޕްރާގް އާއި ގްރެނާޑާއެވެ. ކުއާޓާފައިނަލްގައި ޓީމުތައް ބައްދަލުކުރާނެ ގޮތް އިނގޭނީ މިއަދު ނަގާ ގުރުއަތުލުމުންނެވެ.