ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި ބަޔާން މިއުނިކާއި ޕީއެސްޖީ އަދި ލިވަޕޫލް އާއި ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ކުއާޓާގައި ބަޔާން އާއި ޕީއެސްޖީ ބައްދަލުކުރަން ޖެހުނުއިރު، މި ދެ ޓީމަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބައްދަލުކުރި ދެ ޓީމެވެ. އެގޮތުން 1-0 އިން ޕީއެސްޖީ ބަލިކޮށް މުބާރާތް ކާމިޔާބުކޮށްފައިވަނީ ބަޔާން އިންނެވެ.
ލިވަޕޫލް އާއި ރެއާލް ބައްދަލުކުރަން ޖެހުނުއިރު މިއީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށްފަހު މި ދެ ޓީމު މި މުބާރާތުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެފަހަރު 3-1 އިން ލިވަޕޫލް ބަލިކޮށް މުބާރާތް ކާމިޔާބުކުރީ ރެއާލް އިންނެވެ.
ކުއާޓާގައި އެހެން ޓީމުތައް ބައްދަލުކުރަން ޖެހުނު ގޮތަށް ބަލާއިރު މެންޗެސްޓަރ ސިޓީ ނިކުންނާނީ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. އަދި ޗެލްސީ ބައްދަލުކުރާނީ ޕޯޓޯއާއެވެ.
ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 6 އަދި 7 ގައެވެ. ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 13 އަދި 14 ގައެވެ.