Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ފޭދޫ ސްޕޯޓްސް އިން އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

2-1 އިން މެދުވަލު އެފްސީ ބަލިކޮށް "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ޗެމްޕިއަންކަން ފޭދޫ ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތުގެ ފައިނަލް މެޗުގައި ފޭދޫ ސްޕޯޓްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ކުރީކޮޅު އަލީ ނާފިއު (ކަޅޭ) ވަނީ އެޓީމަށް ލީޑު ނަގާފައެވެ. އަދި ލީޑު ފުޅާކޮށްލަން ވެސް ފުރަތަމަ ހާފްގައި ފޭދޫ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.

ފޭދޫ ސްޕޯޓްސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކޮށްލަން މެދުވަލު އެފްސީ ޓީމަށް ވަނީ ރަނގަޅު ދެ ފުރުސަތު ލިބިގެން ގޮސްފައެވެ. އެގޮތުން ފޮނުވާލި އެއް ހަމަލާ ފޭދޫ ސްޕޯޓްސްގެ ކީޕަރު ދިފާއުކުރިއިރު އަނެއް ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އެ ފުރުސަތުތަކުގެ ބޭނުން މެދުވަލު އެފްސީ ޓީމަށް ނުހިފުމުގެ ނަތީޖާއަކަށްވީ ޕީޓާ ފޭދޫ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދިނުމެވެ. މި ގޯލަކީ މެދުވަލު އެފްސީ ޓީމުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެކެވެ.

މެދުވަލު އެފްސީގެ ހަމައެކަނި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހާޒިމް ފައުޒީ އެވެ.

ފައިނަލް މެޗަށްފަހު ވަނީ މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވެސް އިނާމު ދީފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ފޭދޫ ސްޕޯޓްސްގެ ޔޫސުފް ސިދާމް އަލީ (ސިދޫ) އެވެ. ސިދޫ ވަނީ މުބާރާތުގެ 20 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދާފައެވެ.

މުބާރާތުގެެ އެންމެ މޮޅު ކީޕަރަކަށް މެދުވަލު އެފްސީގެ ކީޕަރު މުހައްމަދު ޒަޔާން ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ ޑިފެންޑަރު ހަސަން ހަނީފްއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމު ބޭރުމަތި އެފްސީ ޓީމުގެ ޝަމްވީލް ގާސިމް (ބޮންޑާ) ކާމިޔާބުކުރިއިރު އޭނާ ވަނީ ހަ ގޯލު މުބާރާތުގައި ކާމިޔާބުކޮށްދީފައެވެ.

އަދި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ފޭދޫ ސްޕޯޓްސްގެ ކޯޗު އިބްރާހިމް ނިޒާރު ހޯދިއިރު މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ފާހި ސްޕޯޓްސް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ދީފައިވާއިރު ރަނަރަޕް ޓީމަށް ދީފައިވަނީ 10،000 ރުފިޔާފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފޭދޫ ސްޕޯޓްސް އަށް ތަށި ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

މިއީ މި މުބާރާތް ބޭއްވި ދެވަނަ ފަހަރު ކަމަށްވާއިރު، މި މުބާރާތް މިއަހަރު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުގެ މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.