Last Updated: April 24, 17:24
Wednesday, April 24, 2024
ކުޅިވަރު

ދެކުނުގެ ހުރިހާ އަތޮޅެއް ހިމެނޭ ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ދެކުނުގެ ހުރިހާ އަތޮޅެއް ހިމެނޭ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވަން މަޝްވަރާ ކުރެވެމުންދާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ މިހެން ވިދާޅުވީ އައްޑޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ސޯބެ ވިދާޅުވީ ދެކުނުގެ ހުރިހާ އަތޮޅެއް ހިމޭނެހެން ސަރަޙައްދީ ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލްތަކުންނާއި ފުޓުބޯޅައާ ގުޅޭ ކުލަބުތަކާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެކަމަށްޓަކާ މިއަހަރު އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ" ސޯބެ ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް މަސައްކަތް ކުރެއްވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވަޢުދުފުޅެއް ކަމަށާއި، އައްޑޫ ސިޓީ ކައުންސިލުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އައްޑޫގެ ޒުވާނުންނަށްޓަކައި ހުރިހާ އަވަށެއްގައިވެސް ފުޓުބޯޅަ ދަނޑުތައް ތަރައްޤީ ކުރުމަށް ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލުން މިފަދަ މުބާރާތެއް ރޭވުމުގެ އެންމެ މުހިންމު ސަބަބަކީ ވެސް ޒުވާނުންނަށް ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި، ޒުވާނުންގެ ހުނަރު އިތުރުކޮށްދިނުން ކަމަށް ސޯބެ ވިދާޅުވިއެވެ. އަދި މި އަހަރުވެސް ކަނޑައެޅިފައިވާ ތާރީޚުގައި މި މުބާރާތް ބާއްވާނެކަން ފާހަގަކުރައްވައި މޭޔަރ ވަނީ މިހާރުން ފެށިގެން މި އަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ހުރިހާ ޓީމުތަކަށް ގޮވާލައްވައިފައެވެ.

މީގެއިތުރުން ސޯބެ ވަނީ ފުޓުބޯޅައިން ކުރިއަށް ދިއުމަށްޓަކައި އެންމެހައި ކުޅުންތެރިންވެސް ހިތްވަރާއެކު މަސައްކަތް ކުރުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.

މިދިޔަ ޖެނުއަރީ 23 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް މެދުވަލު އެފްސީގެ މައްޗަށް 2-1 އިން ކުރި ހޯދައި ކާމިޔާބުކޮށްފައިވަނީ ފޭދޫ ސްޕޯޓްސް އިންނެވެ.