Last Updated: April 19, 10:13
Friday, April 19, 2024
މުނިފޫހިފިލުވުން

އާ ކައުންސިލުން އައްޑޫގައި ސިނާމައެއް އަޅަން މަސައްކަތް ކުރާނެ

އައްޑޫ ސިޓީ ހިތަދޫ | ފޮޓޯ: އަލީ އިބްރާހިމް

އާ ކައުންސިލުން އައްޑޫ ސިޓީގައި ސިނާމައެއް އެޅުމަށް މަސައްކަތް ކުރާނެ ކަމަށް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫލައިވް އިން ގެނެސްދޭ "އަހަފެލެ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ ޒުވާނުންގެ ވަގުތުތައް ރަނގަޅު ގޮތެއްގައި ހޭދަކޮށްލެވޭނެ ގޮތެއް ހޯދައިދޭންޖެހޭ ކަމަށާއި އެގޮތުން ސިނަމާއަކީ ވަރަށް މުހިއްމު ތަނެއް ކަމަށެވެ.

"ސިނަމާއެކޭ ބުނުމުން ބޮޑު ހޯލެއް އަޅާފައި ސްކްރީނެއް ބެހެއްޓުމަކުން ނުފުދޭ. ސިނަމާއަކީ ޒުވާނުންނާ ގުޅޭ ބައިވަރު ކަންކަމާއި އެކު އައްޑޫގައި އަޅަން ޖެހިފައިވާ ތަނެއްގެ ގޮތުގައި ގަބޫލުކުރަން" ނިޒާރު ވިދާޅުވިއެވެ.

އެގޮތުން އާ ކައުންސިލަށް އިންތިހާބުވެއްޖެނަމަ ސިނަމާގެ މަސައްކަތާ ގުޅޭގޮތުން ކައުންސިލުގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް، މިނިސްޓްރީއާ ވާހަކަދައްކައިގެން ޒުވާނުންނާ ގުޅޭ ގިނަ ހަރަކާތްތަކާއެކު ސިނަމާއެއް އައްޑޫގައި އެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"ސިނަމާއެއް ވަރަށް މުހިއްމު. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ކައުންސިލުގައި ހިމެނިއްޖެނަމަ ސިނަމާގެ މަސައްކަތް ކޮށްދޭނަން" އޭނާ ވިދާޅުވިއެވެ.

ނިޒާރު މިހެން ވިދާޅުވިއިރު އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މަލްޓި-ޕާޕަސް އެންޓަރޓެއިންމަންޓް ސެންޓަރ އެޅުމަށް ހިތަދޫ ޔޫތް ސެންޓަރުގެ އުތުރުން އޮންނަ ސްޓޭޖް ސްޓޭޖް ސަރަހައްދުން 10000 އަކަފޫޓުގެ ބިމެއް ކައުންސިލުން ދާދިފަހުން ވަނީ ކަނޑައަޅާފައެވެ.