Last Updated: April 24, 23:11
Wednesday, April 24, 2024
ކޮލަމް ސިޔާސީ

ވެންޓިލޭޓަރު މައްސަލަ: އިސްތިއުފާ ދޭންވީ ޕީޖީތަ, ނުވަތަ ފުރިހަމަ ކުރަންވީ ތަހުގީގުތަ؟

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތައް ގެނައުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިހުރިކަން އެއީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. ހަދާފައިވާ ބޮޑެތި ގޯސްތަކެކެވެ. އަދި ގިނަ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި މިކަންކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއްވެސް ހިނގާފައިވެއެވެ. ރައްޔިތުންގެ ނޭވާ ހޮޅިން ސިޔާސީ ބަޔަކު ވައްކަން ކޮށްފައިވާކަމަށް އަދި ވަކިން ޚާއްސަކޮށް ސަރުކާރުގެ ބަޔަކު ވައްކަން ކޮށްފައިވާކަމަށް ގަބޫލުކުރާ މީހުން ގިނައެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުالله އަމީން މަޤާމުން އިސްތިއުފާދެއްވި އިރު, އަމީނަށް މިކަމުގައި ދައުވާ ނުކޮށްގެން ވަރަށްގިނަ ސިޔާސީ ވެރިން ތިއްބެވީ ހިތްހަމަ ނުޖެހިފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދެފަހަރެއްގެ މަތިން މި މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓާ ޖެނެރަލަށް ފޮނުވުމުންވެސް ނިންމެވީ ދައުވާ ނުކުރުމަށެވެ.

މިކަމާއި ހެދި ހުރިހާ ބޭފުޅުންވެސް ރުޅި ދުރުވީ ޕީޖީ ހުސައިން ޝަމީމް ދެކެއެވެ. އެއީ އޭސީސީން ފޮނުވި ގޮތަށް ދައުވާ ނުކޮށްގެނެވެ. ޕީޖީ އަކީ ހަމަ ފޮނުވާހާ އެއްޗެއްގައި ރަބަރު ސްޓޭމްޕް ޖަހާ އުސޫލުން ދައުވާ ކުރަން ހުންނަންޖެހޭ ފަރާތެއްތޯއެވެ؟ ނުވަތަ ޕީޖީގެ މައްސޫލިޔަތަކީ ތަހުގީގު ކުރާ ފަރާތުން ފޮނުވާ މައްސަލައަކީ ފުރިހަމަ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފޮނުވާ މައްސަލައެއްކަން ކަށަވަރު ކުރުމާއެކު ދައުވާ ކުރުންތޯއެވެ؟ ފޮނުވާހާ އެއްޗެއްގައި ރަބަރު ސްޓެމްޕް ޖަހައިނުދިނުމަކީ ޕީޖީ މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއްތޯއެވެ؟

ފުރިހަމަ ތަހުގީގެއް ކުރުމަކީ ތަހުގީގީ އިދާރާތަކުގެ ޒިންމާއެއް!

ބައެއް ޤައުމުތަކުގައި ނިޒާމުތައް ކަނޑައެޅިފައިވާގޮތުން މައްސަލައެއް ތަހުގީގުކޮށް ހެކި ހޯދުމުގެ ޒިންމާއަކީވެސް ދައުވާ ކުރާ ފަރާތުން / ޕްރޮސިކިއުޝަނުން ކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް ރާއްޖޭގެ ނިޒާމު ޤާއިމުކުރެވިފައިވަނީ އެހެންނެއް ނޫނެވެ. ތަހުގީގު ކުރުމުގެ ބާރަކީ ތަހުގީގީ އިދާރާތަކުގެ އަތްމަތީގައި އޮތް ކަމެކެވެ. ޕީޖީގެ ޒިންމާއަކީ ތަހުގީގު ކުރާ އިދާރާތަކުން ހުށަހަޅާ ކަންކަމުގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ދައުވާ ކުރުމެވެ.

ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރަންޖެހޭ ކަމަކަށްވީއިރު މިކަމުގައި ފުރިހަމަ ތަހުގީގެއް ނުކުރާނަމަ, އަދި ބައިކުޅަބައި ތަހުގީގެއްގެ މައްޗަށް ޕީޖީ ދައުވާ ކުރުމުން ދައުލަތަށާއި, ރައްޔިތުންނަށް އެކަމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވެދާނެއެވެ.

ބައިކުޅަބައި ތަހުގީގަކަށް ޕީޖީ ދައުވާކޮށް މައްސަލަ ސާބިތުނުވާ ހާލަތުގައި އަދި އޭގެ ފަހުން އެ މައްސަލައަކާއި ގުޅިގެން އެމީހުންގެ މައްޗަށް އާ ހެކިތަކެއް ލިބުނުނަމަވެސް ޕީޖީއަށް އެކަމުގައި އެމީހުންގެ މައްޗަށް އިތުރު އާ ދައުވާއެއް ނުކުރެވޭނެއެވެ. "ބައިކުޅަބައި" ތަހުގީގަކުން ކުރާ ދައުވާއަކުން ލިބިދާނެ ދާއިމީ ގެއްލުން ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ)ގެ އެވެ. އެ މާއްދާގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ހުކުމްކޮށްފިނަމަ, ދެވަނަ ފަހަރަށް ހަމަ އެކުށުގެ ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެކަމަށެވެ.

ތަހުގީގަކުން ބަޔަކަށް މަންފާއެއް ލިބިފައި ނެތްކަމަށް ޤަބޫލުކުރެވޭ ހާލަތުގައި އެމީހުން ނާޖައިޒު ފައިދާ ހޯދިކަމަށް ބުނެވޭކަށް ނެތެވެ. އެކަން އިތުރަށް ކަށަވަރުކޮށްދޭން ޖެހޭނީ އިތުރު ތަހުގީގު ކުރާށެވެ. ފުރިހަމަ ތަހުގީގެއް ކުރާށެވެ. އެއީ ޕީޖީގެ ޒިންމާއެއް ނޫނެވެ. މިހާލަތުގައި އެއީ އޭސީސީގެ ޒިންމާއެކެވެ.

ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި އޭސީސީން އޭރުގެ ހެލްތް މިނިސްޓަރު އަމީންގެ ފޯނު ހިފަހައްޓަން މަސައްކަތްކޮށް އެކަން ނާކާމިޔާބު ވުމުން ހައިކޯޓާއި ހަމައިން ހުއްޓާނުލާ އެ މަސައްކަތް ކުރިނަމަ ތަހުގީގު ފުރިހަމަ ކުރުމަށް އިތުރު ބާރަކަށްވީސް ކަންނޭގެއެވެ. އެ ބޭރު ކުންފުންޏަށް ދިވެހި ސަރުކާރުން ފޮނުވި ފައިސާގެ ފަހަތުން އޭސީސީން ދިޔަނަމަ އެ ފައިސާ ވަދެފައިވާ އިތުރު ތަންތަނާއި އެ ފައިސާ ލިބުނު ބަޔަކުވެސް ހޯދާ މައްސަލަ ތަހުގީގު ކުރަން ފަސޭހަވީސް ކަންނޭގެއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި މިކަންކަން ބެލުމުގެ ބަދަލުގައި އޭސީސީން މި އެނބުރެނީ އެހެން ކަންކަމުގެ ފަހަތުންކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. މިހެން ކުރާ ތަހުގީގަކަށް ދައުވާ ނުކުރަން ނިންމުމުންވެސް އިސްތިއުފާ ދޭންވީ ޕީޖީ ތޯއެވެ؟ ނުވަތަ ހަރުދަނާ ކުރަންވީ ތަހުގީގީ އިދާރާގެ މަސައްކަތްތައްތޯއެވެ؟

ސިޔާސީ ވެރިން ޖަޒުބާތުގައި ޖެހިވަޑައިގަތަސް ނިޒާމު ގަޑުބަޑު ނުކުރާތި!

މިފަދަ ރައްޔިތުންގެ ނޭވާހޮޅިއާ ގުޅިފައިވާ މައްސަލަތަކުގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮންނާނެއެވެ. އަދި އެކަންކަމުގައި ފިޔަވަޅެއް އެޅޭތަން ނުފެންނަނަމަ ރައްޔިތުންގެ ނުރުހުން އިތުރުވާނެއެވެ. ސިޔާސީ ވެރިންނަށް މިފަދަ ކަންކަމުގައި އަމަލުކުރެވޭނެ ދެގޮތެއް އެވެއެވެ. އެއީ އަޑުގަދަކޮށް ރައްޔިތުންނާއިއެކު ތިބިކަމަށް ދެއްކުމަށް ކުރެވޭ މަސައްކަތެއްގެ ތެރެއިން ނިޒާމު ގަޑުބަޑުކުރުމެވެ. ނުވަތަ ނިޒާމުގެ ތެރެއިން މަސައްކަތްކޮށް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމެވެ. ހަމަ ޔަގީނުންވެސް ނިޒާމު ގަޑުބަޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.

އިންތިހާބެއް ބޯމަތިވެފައިވާ މިވަގުތުގައި ވެންޓިލޭޓަރުގެ މި މައްސަލައިގައި ސިޔާސީ ބޭފުޅުންނަށް އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ ޕީޖީ އިސްތިއުފާ ދޭށޭ ބުނުމެވެ. އެއީ އެބޭފުޅުންނަށް މިހާރު ހުރި ލިޔުންތަކުންވެސް ދައުވާ ކުރެވޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. އަދި އެގޮތަށް އެބޭފުޅުންގެ އަރިހުގައި ތިއްބަވާ ސިޔާސީ ބޭބޭފުޅުން ވިދާޅުވާތީއެވެ. އެހެންކަމުން އެންމެ ފަސޭހައިން ބާރުއެޅޭނީ ތަހުގީގީ އިދާރާ އޭސީސީން އެ ފޮނުވި އެއްޗެއްސަށް އަވަހަށް ދައުވާ ކުރުމަށެވެ. އެހެންގޮތަކަށް ބުނަނީނަމަ ރަބަރު ސްޓޭމްޕް ޖެއްސެވުމެވެ. އެހެންނަމަވެސް މިގޮތަށް އެންގެވުމުން އެ ނުފޫޒު ފޯރުވެވެނީ މިނިވަން މުސްތަގިއްލު ފަރާތަކަށެވެ. ގަޑުބަޑު ތިކުރެވެނީ ނިޒާމެވެ.

ޖަޒުބާތުގައި ޖެހިވަޑައިގަތުމުގެ ބަދަލުގައި ކުރިން ފާހަގަކޮށްފައިވާ ކަންކަމާއި މެދު ވިސްނަވާށެވެ. ތަހުގީގު ކުރަނީ އިދާރާއިންނެވެ. ޕީޖީއަކީ ދައުވާ ކުރާ ފަރާތެވެ. ދައުވާ ކުރެވޭވަރަރު ނުވާކަމަށް ޕީޖީއަށް ފެންނަ ހިނދެއްގައި ޕީޖީ އެކަމުގައި ކުރާނެ ދައުވާއެއް ނޯންނާނެއެވެ. ސިޔާސީ ވެރިން ލޮބީ ކުރަންވީ ތަހުގީގީ އިދާރާތަކުން މިކަމުގައި އިތުރަށް ފުނަށް ތަހުގީގުކޮށް ޕީޖީ ހިތްރުހޭވަރު ކޮށްދިނުމަށެވެ. ނިޒާމު ގަޑުބަޑުނުވާނެކަން ޔަގީންކޮށް ރައްޔިތުންގެ ވިންދާއި އެއްގޮތަށް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ނިޒާމު ރަނގަޅަށް ހިނގާނެކަން ދެއްކުމެވެ.

އެކަށީގެންވާ މަސައްކަތަކަށްފަހުވެސް ޕީޖީ ބޯހަރީކަމަށް ފެންނަ ހާލަތުގައި އަމަލުކުރާނޭ ގޮތްވެސް ޤާނޫނުއަސާސީގެ 228 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ކޮންމެ ކަމެއްގައި އޮތް ހައްލަކީ މީހަކު އިސްތިއުފާ ދިނުންކަމަށް ޤަބޫލުކުރެވޭނަމަ އެއްވެސް ކަމެއް ފުރިހަމައެއް ނުވާނެއެވެ. އޭގެބަދަލުގައި އެތަނެއް, އެކަމެއް އެވެއްޓެނީ އިތުރު ހަލަބޮލި ކަމެއްގެތެރެއަށެވެ. ބޭނުންވަނީ ޖަޒުބާތުގައި ނުޖެހި ހުރިހާ ފަރާތަކުންވެސް ފުރިހަމަ މަސައްކަތެއްކޮށް ނިޒާމުގެ ހަމަތައް ހިފަހައްޓާ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމެވެ.