Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ސިޔާސީ

މިއުޅެނީ ރައީސް ޔާމީން އެޅި ފްލެޓްތަކަށް ރައްޔިތުންނަށް ވަދެވޭނެ ގޮތް ހަދަން: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޅި ފްލެޓްތަކަށް ރައްޔިތުންނަށް ވަދެވޭނެ ގޮތް ހެދުންކަމަށް މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން 15،000 އަށްވުރެއް ގިނަ ހައުސިން ޔުނިޓް ހެދުމުގެ މަރުހަލާގައި އެބަތިބި ކަމަށެވެ. އެގޮތުން ދެ ކޮންޓްރެކްޓެއްގެ އަމަލީ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ މަސައްކަތެއް ނިމި ވަދެވިފައިވާނީ ފުރަތަމަ އެމްޑީޕީ ސަރުކާރުން އެޅި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ސޮއިކުރި ކޮންޓްރެކްޓަރުން އެޅުނު ބޯހިޔާވަހިކަމަކަށް އަދި އެއްވެސް ރައްޔިތަކަށް ނުވަދެވޭކަން ފާހަގަކޮށް ރައިސް ނަޝީދު ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ އެތަންތަނަށް މީހުން ވެއްދޭތޯ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުން ތިބީ ހަމައެކަނި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގައި ދިރާސާކުރުމުގައި އެކަނި ނޫންކަމަށެވެ. ހިޔާ މަޝްރޫއުގެ 7000 ހައުސިން ޔުނިޓްގެ 60 އިންސައްތަ މަސައްކަތް ނިންމަން ޖެހުނީ މިސަރުކާރަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހިޔާ މަޝްރޫއުގެ މަސައްކަތްފެއްޓުނީ ރައީސް ޔާމީންގެ ސަރުކާރުގައި ނަމަވެސް އެންމެ ފުރަތަމަ އެ މަސައްކަތް ކޮންޓްރެކްޓް ކުރެވުނީވެސް 2017 ވަނަ އަހަރު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ 7000 ޔުނިޓް ނިންމަވަންވެސް ޖެހުނީ ރައިސް ސޯލިހަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމަކީ ކުޑަކަމެއްވެސް ނޫންކަމަށް ވިދާޅުވިއެވެ.