Last Updated: March 29, 06:30
Friday, March 29, 2024
ކުޅިވަރު

އަގުއެރޯ ސިޓީ ދޫކޮށްލަން ނިންމައިފި

މި ސީޒަނަށްފަހު މެންޗެސްޓަރ ސިޓީ ދޫކޮށްލަން ސާޖިއޯ އަގުއެރޯ ނިންމައިފިއެވެ.

އުމުރުން 32 އަހަރުގެ އަގުއެރޯ ސިޓީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށްފަހު ހަމަވާއިރު، ސިޓީން ވަނީ ކޮންޓްރެކްޓް އާނުކުރާނެކަން އަގުއެރޯ އަށް އަންގާފައެވެ.

އަގުއެރޯ ސިޓީ ދޫކޮށްލަން ނިންމާފައިވާއިރު ސިޓީން ވަނީ އޭނާ އެ ކްލަބަށް ކޮށްދިން ހިދުމަތް ބަލައިގަތުމުގެ ގޮތުން އެޓީމުގެ ދަނޑު ބޭރުގައި އަގުއެރޯގެ ސްޓެޗޫ އެއް ބަހައްޓަން ނިންމާފައެވެ. ސިޓީން މީގެކުރިން ވަނީ އެ ކްލަބުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ވިންސެންޓް ކޮމްޕެނީ އާއި ޑޭވިޑް ސިލްވާގެ ސްޓެޗޫއެއް ބަހައްޓަން ނިންމާފައެވެ.

އާޖެންޓީނާ އަށް އުފަން އަގުއެރޯ ސިޓީއާ ގުޅިފައިވަނީ 2011 ވަނަ އަހަރުއެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅެދިން 384 މެޗުގައި 257 ގޯލު ކާމިޔާބުކޮށްފައެވެ.

އަގުއެރޯ މިހާތަނަށް ވަނީ ސިޓީ އާއެކު ޕްރިމިއާ ލީގު ހަތަރު ފަހަރު، އިނގިރޭސި ލީގު ކަޕް ފަސް ފަހަރު އަދި އެފްއޭކަޕެއް ކާމިޔާބުކޮށްފައެވެ.