Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ސިޔާސީ

މުއިއްޒު ވަނީ މާލޭ ރައްޔިތުންނަށް ބޭވަފާތެރިވެފައި: އަލީ އާޒިމް

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޯހިޔާވަހިކަމުގެ ކަންކަމުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާލޭ ރައްޔިތުންނަށް ބޭވަފާތެރިވެފައިވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ މާލޭގެ ކޮންމެ ރައްޔިތަކުވެސް ބަލާލުން ވަރަށް މުހިންމު ރިޕޯޓެއްކަމަށެވެ.

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާ ވަހިކަމުގެ މައްސަލަކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ، ރިޕޯޓަށް ބަލާލުމުން ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުއިއްޒު މާލޭގެ ރައްޔިތުންނަށް ބޭވަފާތެރިވެފައިވާ މިންވަރު ވަރަށް ސާފުކޮށް ހާމަވާކަމަށެވެ.

"މާލޭގެ ރައްޔިތުން ނިކަމެތި ކުރިވަރު، މާލޭގެ ރައްޔިތުންނާއި ދޭތެރޭ ކަންކޮށްފައި އޮތްގޮތް، މިރިޕޯޓް މާލޭގެ ކޮންމެ ރައްޔިތަކު ބަލާލީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސާފުވެގެންދާނެ." އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ ރިޕޯޓްގައި މާލޭގެ ދަފްތަރާއި ގުޅޭގޮތުން ހިމަނާފައިވާ ވާހަކަތަކުން އެކަނިވެސް މުއިއްޒު މާލޭގެ ރައްޔިތުންނަށް ބޭވަފާތެރިވެފައިވާ މިންވަރު ހާމަވާނެކަމަށެވެ. އެގޮތުން ވަކިބަޔަކަށް ފްލެޓް ދިނުމުގެ އަމާޒުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ދަފްތަރަށް މީހުން އިތުރުކޮށްފައިވާކަން ރިޕޯޓުން ހާމަވާކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ އާޒިމް ވިދާޅުވީ އެޗްޑީސީ ކިޔާ ކުންފުންޏަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 22 އެގްރިމެންޓެއް ހަދާފައިވާކަމަށާއި، އެ އެގްރިމެންޓް ހަވާލުކުރެވޭ ފަރާތުންވެސް އަދި އެޗްޑީސީންވެސް އެއިން ކޮންމެ އެގްރިމެންޓަކާވެސް ހިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން އެޗްޑީސީ ކިޔާ ކުންފުންޏެއް ބައްވައިގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވޭނެކަން ނުދެވޭނެކަން ހާމަވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.