މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބެހުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ނިންމައިފިއެވެ.
ބީއެމްއެލް އިން ބުނީ ކޮވިޑް-19 ގެ ސަބަބުން ކުރިންވެސް އަންދާޒާ ކުރެވުނު ފަދައިން ބޭންކުގެ ވިޔަފާރިއަށާއި އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް އަސަރުކޮށްފައިވާ ކަމަށާއި ބޭންކުގެ އަހަރީ ނަތީޖާއިން މިކަން ހާމަވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބުނުއިރު މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 އިންސައްތަ އަށްވުރެ ބޮޑު ދަށްވުމެއް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކާމިޔާބު ނަތީޖާއެއް 2019 ވަނަ އަހަރު ދެއްކުނު ނަމަވެސް، ކޮވިޑް-19 ގެ ސަބަބުންނާއި އަންދާޒާ ކުރެވިފައި ނުވާނެހެން ވިޔަފާރި ހުއްޓުމަކަށް އައުމުން މިދިޔަ އަހަރުގެ އާމްދަނީ ވަނީ ވަރަށް ބޮޑަަށް ދަށްވެފައި ކަމަށެވެ.
އަދި މިކަމުން އަރައިގަތުމުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާއިރު ގަދައަޅައި މަސައްކަތްކުރަމުންދާނީ މިއަހަރު ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށް ކަމަށާއި މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކޮށް ކުރިއަށްދާ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ސޯޔަރ ވިދާޅުވިއެވެ.
"ކަސްޓަމަރުން އެދޭފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ޕްރޮޑަކްޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނަން." އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްގެ ހިއްސާ ބެހުމަށް ހަމަޖެހިފައިވަނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށެވެ. ބުކް ކްލޯޝާ ޑޭޓު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުގައެވެ.