Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ޗެލްސީ ކޮޅަށް ވެސްޓްބްރޮމް އިން ފަސް ގޯލު ޖަހައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޗެލްސީގެ މައްޗަށް 5-2 އިން ވެސްޓްބްރޮމް އިން ކުރި ހޯދައިފިއެވެ.

މި ނަތީޖާއާއެކު ޗެލްސީ މިހާރު އޮތީ 51 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ނަމަވެސް ލީގުގައި އެހެން ޓީމުތަކުން ކުޅޭ މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތުން ޗެލްސީގެ މަގާމަށް ބަދަލު އައުން އެކަށީގެންވެއެވެ. ވެސްޓްބްރޮމް އޮތީ 21 ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ.

މި ނަތީޖާއާއެކު ޗެލްސީން ބަލިނުވެ ދަމަހައްޓަމުން ސިލްސިލާ އަށް ވެސް މިހާރު ވަނީ ނިމުން އައިސްފައެވެ. އެންމެފަހުން ކުޅުނު 14 މެޗުން ވެސް ޗެލްސީ ބަލިވެފައެއް ނުވެއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީން ކަމަށްވާއިރު، މި ގޯލު މެޗުގެ 27 ވަނަ މިނެޓްގައި ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ. ނަމަވެސް އޭގެ ދެ މިނެޓްފަހުން ތިއާގޯ ސިލްވާ އަށް ދެއްކި ރަތްކާޑާއެކު ޗެލްސީން މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާ އެކުއެވެ.

އަދި ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ވެސްޓްބްރޮމް އިން ދެ ގޯލު ޖަހައި ނަތީޖާ އެޓީމު ކޮޅަށް އަނބުރާލިއިރު މި ދެ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކޮސްޓާ ޕެރޭރާއެވެ. އަދި މެޗުގެ 63 ވަނަ މިނެޓްގައި ރޮބިންސަން ވެސްޓްބްރޮމްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ޑިއާނީއެވެ.

މެޗުގެ 71 ވަނަ މިނެޓްގައި މޭސަން މައުންޓް ޗެލްސީ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ރޮބިންސަން ވަނީ ވެސްޓްބްރޮމްގެ ފަސްވަނަ ގޯލު ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާއެވެ. ވެސްޓްބްރޮމް ނިކުންނާނީ ސައުތްހެމްޓަންއާ ދެކޮޅަށެވެ.