Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރަސްކަމާ ދެކޮޅު ރޭވުންތަކެއްގައި ބައިވެރިވިކަމުގެ ތުހުމަތުގައި ޖޯޑަންގެ ކުރީގެ ވަލީއަހުދު ގޭބަންދުކޮށްފި

ޕްރިންސް ހަމްޒާ (ކ) ރަސްގެފާނު އަބްދުالله )ވ( --

ރަސްކަމާއި ދެކޮޅު ރޭވުންތަކެއްގައި ބައިވެރިވިކަމުގެ ތުހުމަތުގައި ޖޯޑަންގެ ރަސްގެފާނުގެ އެއްބަފާ ކޮށްކޯފުޅު އަދި ކުރީގެ ވަލީއަހުދު ޕްރިންސް ހަމްޒާ ބިން އަލްހުސައިން ގޭގައި ބަންދުކޮށްފިއެވެ.

ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ޖޯޑަންގެ މިހާރުގެ ރަސްގެފާނު އަބްދުﷲ ގެ ރަސްކަމާއި ދެކޮޅަށް ބަޔަކު ރާވަމުން ދިޔަނަމަވެސް އެކަން ކުރުމަށް ރާވާފައިއޮތީ މުޒާހަރާތައް އިތުރުކުރުވާ ރަސްކަމަށް އަދި ރަސްގެފާނަށް އެކި ކަންކަމުގައި ދަތިކުރުވައިގެންނެވެ. ޖޯޑަންގެ ސަރުކާރުން މިކަން ސިފަކޮށްފައިވަނީ ޤައުމުގެ ހަމަޖެހުން ނަގާލުމަށް ބަޔަކު ކުރަމުން އަންނަ ކަމެއްގެ ގޮތުގައެވެ.

ޖޯޑަންގެ ކަމާބެހޭ އެކި އިދާރާތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި މިކަމުގެ ތުހުމަތު މިހާތަނަށް 20 މީހުން ހައްޔަރުކޮށް ރަސްގެފާނުގެ އެއްބަފާ ކޮށްކޯފުޅު ޕްރިންސް ހަމްޒާގެ މޫވްމެންޓްސް ވަނީ ކޮންޓްރޯލްކޮށްފައެވެ. ޖޯޑަންގެ ކަމާބެހޭ އިދާރާތަކުން ބުނެފައުވަނީ ޕްރިންސް ހަމްޒާއާމެދު އެ ފިޔަވަޅު އަޅާފައިވަނީ މިހާރު ކުރިއަށްދާ އިތުރު ބޮޑު ތަހުގީގަކާއި ގުޅިގެންކަމަށެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ޖޯޑަންގެ ކުރީގެ މިނިސްޓަރަކާއި ރަސްގެފާނު އަބްދުﷲގެ ގަނޑުވަރުކޮޅުގައި ކުރިން އިސްމަގާމެއް އަދާކުރި މީހަކު ހިމެނެއެވެ.

ޕްރިންސް ހަމްޒާ ބީބީސީއަށް ފޮނުވާފައިވާ ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ ގޭގައި ބަންދުކޮށްފައިހުރި ކަމަށާއި، އަދި އެއްވެސް މީހަކާއި ބައްދަލުކޮށް ވާހަކަ ދެއްކުން މަނާކޮށްފައިވާކަމަށެވެ. އަދި އެގޮތަށް ގޭގައި ބަންދުކުރުމަށް އެންގީ މީގެ ކުރިން ބައިވެރިވި ބައެއް ބައްދަލުވުންތަކުގައި ރަސްގެފާނު އަބްދުﷲ އަށް އަދި ޖޯޑަންގެ ކަންކަން ހިނގަމުން އަންނަގޮތާއިމެދު ފާޑުކިޔާ ބައެއް މީހުން އެ ބައްދަލުވުންތަކުގައި ވާހަކަ ދައްކާފައިވާތީ ކަމަށެވެ. މިވީޑިއޯގައި ޕްރިންސް ހަމްޒާ ވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ޖޯޑަންގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންގެ ކަންކަން ހިންގާފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި ޖޯޑަންގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތްކަމަށާއި ފާޑުކިޔާ މީހުނަށްވެސް ހަރުކަށި އަދަބު ދެމުން އަންނަކަމަށް ބުނެފައިވެއެވެ.

ޕްރިންސް ހަމްޒާ ޖޯޑަންގެ ވަލީއަހުދުކަން ކުރައްވާފައިވަނީ 1999 ވަނަ އަހަރުން 2004 ވަނަ އަހަރުގެ ނިޔަލަށެވެ. ޕްރިންސް ހަމްޒާގެ އަތްޕުޅުން ވަލީއަހދުގެ މަގާމު ނެންގެވުމަށްފަހު ރަސްގެފާނު އަބްދުﷲ އެމަގާމު 2004 ވަނަ އަަހަރު ދެއްވާފައިވަނީ ރަސްގެފާނުގެ ބޮޑު ފިރިހެން ދަރިފުޅު ހުސައިން ބިން އަބްދުﷲ އަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި އިގްތިސާދީ ދަތިތަކާއި ގުޅިގެން ޖޯޑަންގައި މުޒާހަރާތަށް ކުރަމުން އަންނައިރު، ޖޯޑަންގެ ކަންކަން ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ޤައުމަކީ ޕްރޯ-ޑިމޮކްރަޓިކް އަދި މުޒާހަރާކޮށް ހިޔާލުފާޅުކުރުމުގެ ފުރުސަތު އޮތް ޤައުމެކެވެ. އަދި އެ ފަރާތްތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ޖޯޑަންގެ ހަމަޖެހުންނަގާލުމަށް މިހާރު ހިންގޭ ކަންކަމުގެ ފަހަތުގައި އެޤައުމުގެ އެކި ޤަބީލާތަކުގެ ވެރިންނާއި ސިޔާސީ ބައެއް މީހުން ހިންގާހަރަކާތްތަކަށް ބޭރުގެ ބައެއް ނުފޫޒުގަދަ ފަރާތްތަކުން އަންނަނީ ހަރަދުކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާރު ހިންގޭ ކަންމަކީ ޖޯޑަންގައި ބަޔަކު ބަގާވާތެއް ކުރުމަށް ރާވަމުންދިޔަ ދިޔުން ނާކާމިޔާބު ކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ޖޯޑަންގެ ރަސްގެފާނު އަބްދުﷲ އަކީ މުސްލިމް ޤައުމުގެތަކުގެ ވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން އަރަބި އިސްލާމީ ޤައުމުތަކުގެ ހަމަޖެހުމަށް ރަސްގެފާނު އަބްދުﷲ ކުރައްވާ މަސައްކަތް އަދި ޚާއްސަކޮށް ފަލަސްތީނާއި ސީރިއާގެ މައްސަލައިގައި ކުރައްވާ މަސައްކަތްޕުޅުތައް ގިނަ ބަޔަކު ފާހަގަކުރެއެވެ.