Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އައްޑޫ އެއާޕޯޓުގެ ސާވޭއަށް އިންޑިއާގެ އެއާޕޯޓު އޮތޯރިޓީގެ ޓީމެއް ރާއްޖެއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމާއި ގުޅޭ ސާވޭއަކަށް އެއާޕޯޓު އޮތޯރިޓީ އޮފް އިންޑިއާ( އޭއޭއައި)ގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

އޭއޭއައިގެ ޓީމު މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ތިބޭއިރު އައްޑޫ އެއާޕޯޓު ތަރައްޤީ ކުރުމާއި ގުޅޭ ގޮތުން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ޓީމުގެ ފަރާތުން މިމަހުގެ 4 އަދި 5 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެޕްރީލް 6 ވަނަ ދުވަހު މި ޓީމު އައްޑޫއަށް ޒިޔާރަތްކޮށް ގަމުގެ ވައިގެ ބަނދަރު ބެލުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް 17 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފައިސާ ހޯދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

ސަރުކާރުން ނިންމާފައިވަނީ މި ފައިސާއިން އައްޑޫ އެއާޕޯޓްގެ ޓާމިނަލް އަށް ބައެއް ބަދަލުތަކެއް ގެނެސް އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރެއް ގާއިމް ގަން އެއާޕޯޓުގެ ފިއުލް ސްޓޭޝަން ބަދަލު ކުރުމަށެވެ. އަދި ގަމުގެ މަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

އެއާޕޯޓު ތަރައްޤީ ކުރުމާއި ގުޅޭ ސާވޭ ޓީމުގެ މަސައްކަތް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނިންމައި، މި މަސައްކަތް ބަޔަކާއި އެވޯޑު ކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫ ތަރައްޤީ ކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން އައްޑޫގެ މަގު ހެދުމަށް ވަނީ އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެކުންފުނިން މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު މި މަހުގެ ތެރޭގައި އައްޑޫ ބިން ހިއްކުމަށް ބަޔަކާއި ހަވާލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.