Last Updated: July 6, 22:22
Monday, July 7, 2025
ވިޔަފާރި

ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ގަން އެއާޕޯޓު - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ގަން އެއާޕޯޓު ތަރައްގީ ކުރުމަށް އިންޑިޔަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ޓީމެއް މިއަދު ވަނީ ގަން އެއާޕޯޓަށް ޒިޔާރަތްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ގަން އެއާޕޯޓުގައި އާ ޑޮމެސްޓިކް ޓާމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި ފަޔަރ ސްޓޭޝަން އިމާރާތް ކުރެވޭނެ ކަމަށާއި އަދި މިހާރު ހުރި ޓާމިނަލް އިންޓަނޭޝަނަލް ޓާމިނަލްގެ ގޮތުގައި ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް ގާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން އެއާޕޯޓަށް ދިޔުމަށް އިތުރު މަގެއް ގާއިމުކުރެވި، ކާރގޯ ވަސީލަތްތައް ތަރައްގީ ކުރެވޭނެ ކަމަށާއި އަދި އެއާޕޯޓަށް ބޭނުންވާ އާލާތްތައް ހޯދުމުގެ އިތުރުން އެއާޕޯޓުގައި ސޯލާ ޕެނަލް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ގަން އެއާޕޯޓަކީ ދެކުނުގެ މައި ދޮރާށި ކަމަށްވާއިރު، އެ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ދެކުނުގެ ތަރައްގީ އަށް މުހިއްމު ކަމެއް ކަމަށާއި އަދި އެއީ އެ ސަރަހައްދުގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިގްތިސާދު ފުޅާކުރުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.