ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ކައުންސިލުތައް ދިނުމަކީ ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލުކުރުން ފަދަ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
އިއްޔެ އެމްޑީޕީން މާލޭގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ވާދަވެރިންނަށް މާލޭ ސިޓީގެ ކައުންސިލުގެ ކަންކަން ހިންގަން ލިބުމުން އެތަން ރޫޅާލާފައިވާ ކަމަށާއި އަދި އެތަނުގެ ގޮނޑި މޭޒު ތަންތަނަށް އުކާލުމަށްފަހު ކައުންސިލަރުންނަށް ވެސް އެތަނަށް ނުވަދެވޭ ގޮތް ހަދައި ކަފުންކުރި ކަމަށެވެ.
އަދި ލާމަރުކަޒީ ނިޒާމަށް އިންކާރު ކުރަމުން އަންނަ ސިޔާސީ ފަލްސަފާއެއް އޮތް ބަޔަކަށް ކައުންސިލްތައް ދިނުމަކީ ޑްރެކިއުލާއެއް ބްލަޑް ބެންކު ހަވާލުކުރުން ފަދަ ކަމެއް ކަމަށާއި އެކަން ނަމަނަމަ ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމާއި އިންކާރު ކުރަމުން އަންނަ ސިޔާސީ ފަލްސަފާއެއް ހަވާލުވުމަކީ އަޅުގަނޑަށް ދެންނެވޭނީ ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލުކުރުން ފަދަ ކަމެކޭ. އެކަން ނަމަ ނަމަ ނުކުރައްޗޭ" ނަޝީދު ވިދާޅުވިއެވެ.
މި އިވެންޓުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ ދެން އިންތިހާބު ކުރެވޭ ސިޓީ ކައުންސިލު ވެގެންދާނީ މާލޭ ހިންގާ ސިޓީ ކައުންސިލަކަށް ކަމަށާއި މިއީ މާލޭ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.
"މި ނިޒާމު މިހާރު ފައްކާކުރެވިފައި މިއޮތީ މާލޭ ރައްޔިތުންގެ ބޭނުންތައް މި ނިޒާމުގެ ތެރެއިން ފުއްދޭނެ ހަމަތަކެއް ހޯދަމުން. އެކަން ފުރިހަމަ ކުރުމަށްޓަކާ މާލެއަށް އެމްޑީޕީގެ ސިޓީ ކައުންސިލެއް ލިބުމަކީ ބޭނުންތެރި ކަމެއްކަން ޔަގީނުންވެސް އެއްބަސްވާނެ ބަޔަކީ މާލޭ ރައްޔިތުން" ނަޝީދު ވިދާޅުވިއެވެ.
އަދި މާލެ އަށް ބާރުމިނުގައި ނުވުމުން ހިތްހަމަނުޖެހުން ހުންނަ ކަމަށާއި އެހެން ނަމަވެސް ދަރިފުޅު ފެންވެރުވި ފެން އުކާލާއިރު ދަރިފުޅު އެއްލާލައިގެން ނުވާނެ ކަމަށްވެސް ނަޝިދު ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ ބެލުމުގެ ދަށުން މާލެ ހިނގަމުން ގޮސްފިނަމަ ރައްޔިތުން އެދޭ ބަދަލު ފެނިގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.