ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 22 މެމްބަރުން ސަލާމް ބުނެފައިވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާ ފެއްޓުނު އިރު މަޖިލީހަށް ހާޒިރުވެ ތިއްބެވީ 22 މެމްބަރުން ކަމަށެވެ. އަދި ސަލާމުގައިވެސް 22 މެމްބަރުން ތިއްބެވި ކަމަސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރަސްމީ ދަތުރުފުޅުގައި ދެ މެމްބަރުން ވާކަމަށް ވެސް ވިދާޅުވިއެވެ.
ސަލާމުގައި ތިއްބެވި 22 މެމްބަރުންގެ ތެރެއިން 20 މެމްބަރުން ސަލާމް ބުނެފައިވަނީ ދާއިރާއަށް ކުރައްވާ ދަތުރުތަކުގައި ވަޑައިގެންވުމުގެ ސަބަބުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ބޭފުޅުން ދާއިރާއަށް ވަޑައިގެންނެވިއިރު، ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި އާންމު ކޮމިޓީން ފާސްނުކުރާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދާއިރާއަށް ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއް ކަމަށް ކަނޑައަޅާފައިވާއިރު އެ އުސޫލުގެ ދަށުން ރަސްމީ ދަތުރުތަކުގައި ދާއިރާއަށް ވަޑައިގެން ތިއްބެވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ މަޖިލީހުގެ އިދާރާގެ ހުއްދަ ލިބިގެން ދާއިރާއަށް މެމްބަރުން ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.