އިންޑިއާ އާއެކު ދިވެހި އަސްކަރިއްޔާއިން ސޮއިކޮށްފައިވާ އުތުރު ތިލަފަޅު އެއްބަސްވުން މަޖިލީހުގެ 241 ކޮމިޓީގައި އެބަ އޮތް ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ޤަނޫނުއަސާސީގައިވާ ގޮތުގެ މަތިން އުތުރުތިލަފަޅު އެއްބަސްވުން މަޖިލީހަށް ގެނައުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.
ސައީދުގެ އެކަމަށް ގޮވާލާ ވާހަކަ ދެއްކުމާއި ގުޅިގެން އަބްދުލްޣަފޫރު މޫސާ ނިޒާމީ ނުކުތާ ނަންގަވާ ވިދާޅުވީ އެ އެއްބަސްވުން މަޖިލީހުގެ 241 ކޮމިޓީގައި އެބައޮތް ކަމަށެވެ.
"މި ޤާނޫނުއަސާސީގައި ބުނާގޮތުގެ މަތިން އުތުރުތިލަފަޅުގެ އެގްރިމެންޓް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި އެބަ އޮތް. ވަރަށް ސާފުކޮށް އޮތް ކަމެއް އެއީ." އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.
ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް އުތުރުތިލަފަޅުގައި ގާއިމު ކުރުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސްވުމެއް ވެފައިވާއިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެ އެއްބަސްވުމުގެ ޑްރާފްޓް ކަމަށް ބުނެ ލިޔެކިޔުންތަކެއް ލީކް ކޮށްލާފައެވެ. އޭގައިވާގޮތުން އިންޑިއާގެ ސިފައިންނަށް ހަތިޔާރާއެކު އުތުރު ތިލަފަޅުގައި ތިބެވޭނެއެވެ.
އެހެންނަމަވެސް އެމްއެންޑީއެފުން އަދި ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެ ލިޔުމަކީ ފޭކު ލިޔުމެއް ކަމަށެވެ. އަދި އެއްބަސްވުމުގައި އެފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ބުނެފައިވެއެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމާގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. އަދި އެ ކުއްލި މައްސަލައަށް ބަހުސް ކުރަމުން ބައެއް މެމްބަރުން ވަނީ މަޖިލީހުގެ 241 ކޮމިޓީއަށް އެ އެއްބަސްވުން ހިއްސާކުރުމަށް ގޮވާލާފައެވެ.