Last Updated: July 10, 10:30
Thursday, July 10, 2025
ޚަބަރު

މާކުރަތުގެ މޮނީޓަރިންގެ ހާލަތު އުވާލައިފި

ރ. މާކުރަތު--

ރ. މާކުރަތުގެ މޮނީޓަރިންގެ ހާލަތު އުވާލައިފިއެވެ.

ހެލްތް އެމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެޗްއިއޯސީ)އިން ބުނެފައިވަނީ މާކުރަތުގެ މޮނީޓަރިންގެ ހާލަތު އުވާލާފައިވަނީ އެ ރަށުން ނެގި ހުރިހާ ރެންޑަމް ސާމްޕަލް ތަކެއް ނެގެޓިވް ވުމުން ކަމަށެވެ.

އެޗްޕީއޭއިން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރެއާހަމައަށް އަތޮޅުތަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 949 ގައެވެ. އޭގެތެރޭގައި ހިމެނެނީ 258 ބިދޭސީންނާއި 691 ދިވެހިންނެވެ.

ރާއްޖޭގެ 70 ރަށެއްގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތައް ތިބިކަމަށް ވެސް އެޗްޕީއޭއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ދައްކައެވެ.

މިވަގުތު ރާއްޖޭގެ 14 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެއީ ދ. ކުޑަހުވަދޫ، ދ. މީދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ރ. ހުޅުދުއްފާރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ޅ. އަލިފުށި، ޅ. އޮޅުވެލިފުށި، ޅ. ކުރެންދޫ، އދ. މާމިނގިލި، އދ. މަހިބަދޫ އަދި ތ. ވިލުފުށިއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 25،053 އަށް އަރާފައެވެ. ކޮވިޑްގެ ޖުމުލަ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 3079 ކޭސް އެވެ. މި ބަލިން 21،898 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 73 މީހަކަށެވެ. މި ބަލީގައި 67 މީހަކު ވަނީ ނިޔާވެފައެވެ.