Last Updated: July 12, 09:40
Saturday, July 12, 2025
ޚަބަރު

ހިޔާ ފްލެޓްގެ ކުއްޔަކީ 7،500 ރުފިޔާ: މިނިސްޓަރު އަސްލަމް

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ މަހު ކުއްޔަކީ 7،500 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޑައުންޕޭމެންޓެއް ދައްކައިގެން ކުރިއަށް ވަަޑައިގަންނަވަން ބޭނުން ފަރާތްތަކަށް ދެ އޮޕްޝަނެއް ދިނުމަށް ސަރުކާރުގެ ވިސްނުން ހުރި ކަމަށެވެ.

"މިނިސްޓްރީ އޮފް ފިނެންސް އާ އެޗްޑީސީއާއެކު ސަރުކާރުން މަސައްކަތް ކުރޭ އެ ދެ އޮޕްޝަނަކީ ކޮބައިތޯ." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ޑައުންޕޭމެންޓެއް ދައްކައިފި ނަމަ ކުލި 7،500 އަށް ވުރެ ކުޑަވާނެކަމަށެވެ. އަދި އެންމެ ބޮޑުކޮށްވެސް ފްލެޓަށް ދައްކަން ޖެހޭނީ 7،500 ރުފިޔާކަމަށް ވިދާޅުވިއެވެ.

"ޑައުންޕޭމެންޓެއް ދެއްކީމަ މަހެއްގެ މައްޗަށް ދައްކަން ޖެހޭ މިންވަރު ކުޑަވާނެ. ޑައުންޕޭމެންޓު ދައްކާ މިންވަރަކުން ކުޑަވާ މިންވަރު އަންނާނީ" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓުތަކުގެ ގުރުއަތުނެގުމަށްފަހު، ފްލެޓު ލިބޭ މީހުންނާއެކު އެޗްޑީސީ ން އެއްބަސްވުން އެކުލަވާލާނެ ކަމަށެވެ. އޭގެ ފަހުން އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ކަންތައް ކުރަން ތިން މަސް ދޭނެ ކަމަށް ވިދާޅުވިއެވެ.