Last Updated: July 1, 23:03
Tuesday, July 1, 2025
ޚަބަރު

ރޯދައަށް ޔާމީން ގެއަށް ބަދަލުކޮށްދޭން އިދިކޮޅުން ރައީސަށް ދަންނަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: މިހާރު

ކުރިއަށް ރޯދަ މަހަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދޭން އިދިކޮޅުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން މިއަދު ރައީސް ސޯލިހާއި ބައްދަލުކުރައްވާފައިވާ ކަމަށާއި މިއީ އިދިކޮޅު ކޯލިޝަނުން އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ކަންބޮޑުވާ ކަމެއް ކަމާއި، އެންމެ ކުޑަމިނުން ރޯދަ މަހަށް އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

"ރައީސް ސޯލިހު ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ކަންތައް ބައްލަވާނެ ކަމަށް" ހީނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މަނިލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުުރުންވެސް ޔާމީންގެ މައްޗަށް ވަނީ މައްޗަށް މަނިލޯންޑްރިންގެ އިތުރު ދައުވާ އަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް އުފުލާފައެވެ. އެ ދެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ދަނީ ހިނގަމުންނެވެ.