Last Updated: April 20, 22:12
Tuesday, April 20, 2021
ޚަބަރު

އަލީ ވަހީދުގެ މައްސަލަ ހައިކޯޓުން ބާތިލްކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހޯދިފައި ނުވުމުން ހައިކޯޓަށް ހުށަހެޅުނު މައްސަލަ ބާތިލުކޮށްފިއެވެ.

ހައި ކޯޓުން ބުނީ އަލީ މިހާރު ދިރިއުޅުއްވާ އެޑްރެސް ނޭނގޭ ކަމަށް ޕީޖީ އިން އެންގުމުން ދައުވާ ފޯމު ބާތިލުކޮށްފައި ވަނީ އެޑްރެސް އެނގުމުން އަލުން ދައުވާ ކުރުމުގެ ފުރުސަތު ދިނުމަށްފަހުގައި ކަމަށެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާއިރު ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުން މިދިޔަ ހޯމަ ދުވަހު ވަނީ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.

އެ ދުވަހުގެ ޝަރީއަތް ފެށުމުން ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ އަލީ ވަހީދު މިހާރު ދިރުއެޅޭ އެޑްރެސްގެ ގޮތުގައި އިސްތިއުނާފު ފޯމުގައި ޖަހާފައިވަނީ މ. ފުރަހަނި ތިންވަނަ ފަންގިފިލާ ކަމަށާއި ނަމަވެސް އެ އެޑްރެހަށް ކޯޓުން ފޮނުވާ ޗިޓް ނުފޮނުވޭ ކަމަށެވެ. އަދި ދައުލަތުން ހިއްސާކޮށްފައިވާ އަލީ ވަހީދުގެ އީމެއިލްއާއި، ވައިބާ އަދި ވަޓްސްއަޕް ނަންބަރަށް ވެސް ޗިޓް ނުފޮނުވޭ ކަމަށާއި އެހެންކަމުން އަލީ އަށް ޗިޓް ލިބުނު ކަމާމެދު ފަނޑިޔާރު ވަނީ ޝައްކު އުފައްދަވާފަ އެވެ.

"ޗިޓް އަލީ ވަހީދަށް ލިބުނު ކަން އެނގޭނެ ގޮތެއް ނެތް. އެކަން ކަށަވަރު ކުރުމަށް ކޯޓުން އޭނާގެ ނަމްބަރަށް ގުޅައިގެންވެސް ގުޅޭ ގޮތެއް ނުވި" ފައިސަލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ އިސްތިއުނާފް ފޯމުގައި ޖަހާފައިވަނީ އަލީ ރާއްޖޭގައި ދިރިއުޅުއްވާ އެޑްރެސް ކަމަށާއި މިހާރު ހުންނެވި އެޑްރެސް ސާފު ނުވާ ކަމަށެވެ. އެއާއެކު ފަނޑިޔާރު ފައިސަލް ވަނީ އަލީ މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފުކުރުމަށްފަހު އިއްޔެ މެންދުރުފަހު 2:00ގެ ކުރިން ކޯޓަށް އެންގުމަށް އެދިފައެވެ.

ނަމަވެސް އެ މުއްދަތު ހަމަވިއިރު ވެސް ދައުލަތަށް އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެސް ހޯދިފައެއް ނުވެއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުކޮށްފައެވެ.

އަލީ ވަހީދު ޕާސްޕޯޓް ދޫކޮށްލި މައްސަލައިގައި ކަން ކޮށްފައިވާގޮތުން ޕީޖީން ވަނީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެ މައްސަލަ ބެއްލެވި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްވެސް ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް:

-ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ.

އަލީ ވަހީދު ވަނީ އެނާގެ މައްޗަށް ކުރެވިފައިވާ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފައެވެ.