Last Updated: April 24, 18:07
Wednesday, April 24, 2024
މުނިފޫހިފިލުވުން

ސުޝާންތްގެ ދިރިއުޅުމަށް ފިލްމެއް އުފައްދަނީ

ބޮލީވުޑްގެ މަޝްހޫރު ފިލްމް އުފައްދާ ފަރާތެއް ކަމަށްވާ ރާމް ގޯޕާލް ވަރްމާ، މިދިޔަ އަހަރު މަރުވެފައިވާ އެކްޓަރު ސުޝާންތް ސިންގް ރާޖްޕޫތްގެ ދިރިއުޅުން، އޭނާ މަރުވުމާއި ހަމަޔަށް ކުރިޔަށް ދިޔަގޮތް ދައްކުވައިދޭ ފިލްމެއް އުފެއްދުމަށް ވިސްނަމުންދާ ކަމަށް ބުނެފިއެވެ.

ސުޝާންތް ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓްގެ ކޮޓަރި ތެރޭގައި މި ދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އޭނާ އަމިއްލައަށް މަރުވީ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް ފަހުން އެނާގެ އާއިލާއިން ވަނީ އޭނާ މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައެވެ.

ސުޝާންތްގެ މަރުގެ މައްސަލާގައި އޭނާ މަރުވުމުގެ ކުރިން ރައްޓެހިވެގެން އުޅުނު ރިއާ ޗަކްރަބަތީގެ މައްޗަށް ތުހުމަތު ކުރެވި މައްސަލަ ބެލުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދެވުނެވެ. އެހެން ނަމަވެސް އެއްވެސް ކަމެއް ސާބިތު ނުވެ އެންމެ ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.

އާންމުގެ މެދުގައި އެ މައްސަލަ އެކަށީގެންވާ ގޮތަކަށް ނުބެލޭ ކަމަށް ބުނެ މީހުންގެ ރުޅިވެރިކަން އަމާޒުވުމުގެ ސަބަބުން އެންމެ ފަހުން އެ މައްސަލަވަނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން(ސީ.އައި.ބީ)، އެންފޯސްމަންޓް ޑިރެކްޓޮރޭޓް(އީ.ޑީ)، އަދި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ(އެން. ސީ.ބީ) އާއި ހަވާލު ކޮށްފައެވެ.

ރާމް ގޯޕާލް ވަރްމާ ބުނެފައިވަނީ އޭނާ ފަހަރެއްގައި ސުޝާންތްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެއް އުފައްދަފާނެ ކަމަށެވެ. ފަހަރެއްގައި އެކަން ނުކޮށްވެސްފާނެ ކަމަށެވެ. ދެގޮތަށް ވިސްނުން ހުރި ކަމަށް އޭނާ ބުނެފައިވާ އިރު، އޭނާ އަކީ ސުޝާންތްގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ސޯޝަލް މީޑިއާގައި އަޑު އުފުލި މީހުންގެ ތެރޭގައި ހިމެނޭ ފާހަގަކޮށްލެވޭ އެއް ފަރާތެވެ.