Last Updated: March 28, 18:00
Thursday, March 28, 2024
ކުޅިވަރު

ޗެލްސީ އާއި ޕީއެސްޖީ ސެމީއާ ގާތަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަަމަ ލެގުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ސެމީފައިނަލާ ގާތަށް ޕީއެސްޖީ އާއި ޗެލްސީ ޖެހިލައިފިއެވެ.

ޕީއެސްޖީ މުބާރާތުގެ ސެމީއާ ގާތަށް ޖެހިލީ ރޭ ކުއާޓާގެ ފުރަތަމަ ލެގުގައި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ބަޔާން މިއުނިކްގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައ ކިލިއަން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 28 ވަނަ މިނެޓްގައި މާކުއިނޯސް ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗުޕޮމޯޓިން ވަނީ ބަޔާން އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އަދި މެޗުގެ 60 ވަނަ މިނެޓްގައި ތޯމަސް މުލާ ބަޔާން އަށް ނަތީޖާ އެއްވަރުކޮށްދިން އިރު، އޭގެ 8 މިނެޓްފަހުން އެމްބާޕޭ ވަނީ އަލުން ޕީއެސްޖީ އަށް ލީޑު ނަގާދީފައެވެ. މެޗުގެ ނަތީޖާ އެއްވަރުކޮށްލަން ބަޔާން އަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެޓީމަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތް ވަނީ ނުވެފައެވެ.

ޗެލްސީ ރޭ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުން މޮޅުވީ ޕޯޓޯއާ ބައްދަލުކޮށް 2-0 އިންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްޕެއިންގެ ސެވިއްޔާގައި ކުޅުނު މި މެޗުގައި ޗެލްސީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މޭސަން މައުންޓް އާއި ބެން ޗިލްވެލް އެވެ. މި މެޗުގައި ޕޯޓޯ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް އެޓީމުން ފޮނުވާލާފައިވެއެވެ. ނަމަވެސް އެ ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ކީޕަރު މެންޑީގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ރޭގެ މޮޅާއެކު ޗެލްސީ އާއި ޕީއެސްޖީ ސެމީއާ ގާތަށް ޖެހިލާފައިވާއިރު، ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.