Last Updated: April 20, 18:45
Tuesday, April 20, 2021
ޚަބަރު

ކުލީގެ އަޅުވެތިކަމުގައި މާލެ މިތިބީ ރުހިގެނެއް ނޫން: ދިޔާނާ

މާލެ ތޮއްޖެއްސީ ރާއްޖެތެރޭ މީހުން ނޫން ކަމަށާއި، އަދި މާލޭގައި ކުލީގެ އަޅުވެތިކަމުގައި ތާއުމުރު ދިރިއުޅެމުންދަނީ ރުހިގެނެއް ނޫން ކަމަށް ޤާނޫނީ ވަކީލު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވެފައިވަނީ އެކަމަނާގެ އޮފިޝަލް ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި ދިޔާނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ވެރިރަށް މާލެއަކީ އެންމެހާ ރައްޔިތުންގެ ވެސް ތަރިކައެއް ކަމަށެވެ. އުއްމީދު ކުރަނީ މާލޭ މޭޔަރު ކަމުގެ އިންތިޚާބު ނިމޭނީ އަޅުގަނޑުމެން ރާއްޖެތެރޭ މީހުންނަށް ބަދުބަސް ރައްދު ނުކޮށް ކަމަށެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މި އިންތިޚާބުގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް ދަނީ ވަރަށް ފޯރިއާއެކު ކެމްޕޭން ކުރައްވަމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރުއެވެ. ޕީޕީއެމްއިން ވާދަކުރައްވަނީ ކުރީ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ.

މާލޭގެ މޭޔަރުކަމުގެ ރޭހުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ މާލޭގެ ބޯހިޔާވަހިކަމުގެ ވާހަކައެވެ. އެވާހަކަތައް އަނަސް އާއި ޑރ. މުއިއްޒު އަންނަނީ ހަރު އަޑުން ދައްކަމުންނެވެ.

މި ފަހަރުގެ އިންތިހާބުގައި އެންމެ ހޫނު ބަހުސަކީވެސް މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައެވެ.