Last Updated: April 20, 21:29
Tuesday, April 20, 2021
ޚަބަރު

ހިޔާ ފްލެޓުތައް 3800 ރުފިޔާއަށް ދެވޭނެ: މުއިއްޒު

ހިޔާ މަޝްރޫޢުގެ ފްލެޓްތައް 25 އަހަރަށް ބަހާލާނަމަ، 3800 ރުފިޔާއަށް ދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވަނީ ދިވެހި އޮންލައިން ނޫހެއްގައި ހިޔާ ފްލެޓްގެ ކުއްޔަކީ މަހަކު -/7500 ރުފިޔާ ކަމަށް ލިޔެފައިވާ ޚަބަރެއް ޓްވިޓާގައި ހިއްސާ ކުރައްވާ އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓް ތަކަށް މަހަކު ދައްކަންޖެހޭ ވަރަކީ 5600އަށްވުރެ ބޮޑު އަދަދެއް ކަމަށް ކަނޑައެޅުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތި ކަމެއް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ މަހު ކުއްޔަކީ 7،500 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. ރައީސް އޮފީހުގައި މިމަހުގެ 7ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޑައުންޕޭމެންޓެއް ދައްކައިގެން ކުރިއަށް ވަަޑައިގަންނަވަން ބޭނުން ފަރާތްތަކަށް ދެ އޮޕްޝަނެއް ދިނުމަށް ސަރުކާރުގެ ވިސްނުން ހުރި ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ޑައުންޕޭމެންޓެއް ދައްކައިފި ނަމަ ކުލި 7،500 އަށް ވުރެ ކުޑަވާނެކަމަށެވެ. އަދި އެންމެ ބޮޑުކޮށްވެސް ފްލެޓަށް ދައްކަން ޖެހޭނީ 7،500 ރުފިޔާކަމަށް ވިދާޅުވިއެވެ. ފްލެޓުތަކުގެ ގުރުއަތުނެގުމަށްފަހު، ފްލެޓު ލިބޭ މީހުންނާއެކު އެޗްޑީސީން އެއްބަސްވުން އެކުލަވާލާނެ ކަމަށާއި، އޭގެ ފަހުން އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ކަންތައް ކުރަން ތިން މަސް ދޭނެ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފައެވެ.