Last Updated: April 20, 18:45
Tuesday, April 20, 2021
ޚަބަރު

ކޮވިޑާއި އެކު ވޯޓުލުމުގެ ހައްޤު ހަނިވެގެން ހިނގައިދާނެތީ ކަންބޮޑުވޭ: އެޗް.އާރް.ސީ

ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ކޮވިޑާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ހަނިވެގެން ހިނގައިދާނެ ކަންކަން ފާހަގަވެފައިވާތީ ކޮމިޝަންގެ ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަން އަދި އެޗް.ޕީ.އޭއާއި ހިއްސާކޮށްފިއެވެ.

އެޗްއާރްސީއެމުން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ދެ އިންތިހާބާ ގުޅިގެން އީސީ އާއި އެޗްޕީއޭ، އެ ކޮމިޝަނުން ބައްދަލު ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ކޮމިޝަނަށް ފާހަގަކުރެވޭ ލަފާވެސް އެ ދެ މުއައްސަސާއަށް ދީފައިވާ ކަމަށް އެޗް.އާރް.ސީއިން ބުނެއެވެ. މީގެ އިތުރުން ރާއްޖޭގައި އަދިވެސް ކޮވިޑް-19 ފެތުރެމުންދާތީ ވޯޓާ ގުޅިގެން ލިބިގެންވާ ހައްޤުތަކާއެކީ ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްޤަކީވެސް މުހިންމު ހައްޤެއްކަން ކޮމިޝަނުން ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެންކަމުން ހެދިފައި ހުރި އުސޫލުތަކާއި އެހެނިހެން އިންތިޒާމުތަކުގެ ތެރެއިންވެސް މި ދެކަމަށް ރިޢާޔަތްކުރުމުގެ މުހިންމުކަން ކޮމިޝަނުން ފަހަގަކުރިއެވެ.
އިންތިޚާބު އޮންނަ ދުވަހު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެޗް.އާރް.ސީގެ ޓްވީޓްގައި ބުނެފައިވެއެވެ.