2018 ގެ ބެންޗަށް ވުރެއް މިހާރު ސުޕްރީމް ކޯޓުގެ ބެންޗަށް އޮތް އިތުބާރު ބޮޑު ކަމަށް ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ޓްވީޓް ކުރައްވާފައިވަނީ ދީބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް އަލުން ހަމަ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުމުން އެކަމަށް ފާޑުކިޔާ ކުރީގެ މަޖިލިސް މެމްބަރު އަދި މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
އަލްހާންގެ ޓްވީޓަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވެފައިވަނީ ދީބާޖާ މައްސަަލައިގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ ސަރުކާރުގެ ނުފޫޒުގެ ދަށުން ނިންމި ނިންމުމެއްކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.
އަދި 2018 ވަނަ އަހަރު އޮތް ސުޕްރީމް ކޯޓުގެ ބެންޗަށްވުރެ މިހާރު މިއޮތް ސުޕްރީމް ކޯޓުގެ ބެންޗަށް އިތުބާރުބޮޑު ކަމަށް ވެސް މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަކީ ސަރުކާރުގެ ނުފޫޒުގެ ދަށުން ނިންމި ނިންމުމެއްކަމަށް ގަބޫލެއް ނުކުރަން.
2018 ވަނަ އަހަރު އޮތް ސުޕްރީމް ކޯޓުގެ ބެންޗަށްވުރެ މިހާރު މިއޮތް ސުޕްރީމް ކޯޓުގެ ބެންޗަށް އަޅުގަނޑުގެ އިތުބާރު ބޮޑު! https://t.co/6bGNaQ8jbq— Ahmed Muizzu (@AhmedMuizzu) April 8, 2021
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވަނީ އިއްޔެއެވެ. މި ހުކުމް ބާތިލުކޮށްފައިވަނީ ދީބާޖާގެ ފަރާތުން ބޭނުންވާނަމަ އެ ހުކުމް އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދެއްވާފައެވެ.